ޚަބަރު

މެމްބަރުން ސައިފޮދު ހިއްޕެވުމަށް ގެއިން ތަށިބަރި ގެންނަވާ


ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މަޖިލީހުގެ ސައިގެ ކަންތައްތަކުގައި އުޅޭ ގިނަ މުވައްޒަފުންތަކެއް ގޭގައި މަޑުކުރަން އެންގުމުން، މެމްބަރުން ސައިގެ ކަންތައް ހަމަޖެއްސުމަށް ގެއިން ތަށިބަރި ގެންނެވުމަށް މަޖިލިސް ރައީސް އެދިވަޑައިގެންފިއެވެ.

މަޖިލިސް މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ކޮންޓެކްޓްވި މަޖިލީހުގެ 22 މުވައްޒަފަކު ވަނީ ގޭގައި މަޑުކުރުމަށް އަންގާފައެވެ. އޭގެ ތެރޭގައި ގިނައީ މަޖިލީހުގެ އިދާރީ މަސައްކަތްތައްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނެވެ. މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ ގޭގައި މަޑުކުރުމަށް އެންގި ގިނަ މުވައްޒިފުންނަކީ މަޖިލީހުގައި ކެއިންބުއިމުގެ ކަންކަން އިންތިޒާމްކުރުމުގައި މަސައްކަތް ކުރައްވާ މުވައްޒަފުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ މެމްބަރުންނަށް ސައިގެ ކަންތައް ހަމަޖެއްސުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.

"މަޖިލީހުގެ އިދާރީ މުވައްޒިފުންގެ ތެރެއިން ގޭގައި މަޑުކުރަން އެންގި ގިނަ މުވައްޒިފުންނަކީ ތިޔަބޭފުޅުންގެ ސައިގެ ކަންކަން ހަމަޖައްސަވާ މުވައްޒިފުން. އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ތަށިބަރި ގެނެސް ސައިކަންތައް ހަމަޖެއްސުމަށް، ތަށިބަރި ގެނައުކަމުގައި ވީނަމަވެސް އެތަކެތި ވެއްދޭނީ ސެކިއުރިޓީގެ ބެލުންތަކުގެ ދަށުން. މެމްބަރުން މަޖިލީހަށް ވަންނަނީވެސް ހުންވެސް ޗެކްކޮށްގެން. ހަމަގައިމުވެސް އަޅުގަނޑު ގެންނަނާނަން ތަށިބަރި، އަޅުގަނޑު ތަށިބަރިގެނެސް ސައިބޮއިގެން މަސައްކަތްކުރާނީ" މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އިދާރީ މުވައްޒިފަކު ކޯވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެކަން އުގުނުދުވަހު ވަނީ މަޖިލިސް ޑިސްއިންފެކްޓްކޮށް، ޕޮޒިޓިވްވި މުވައްޒިފާއި، ކޮންޓެކްޓްވި މުވައްޒިފުން ދެނެގަނެވި ގޭގައި މަޑުކުރަން އެންގިފައެވެ. މަޖިލިސް ރައީސް ވިދާޅުވީ ރޯގާގެ ސަބަބުން މަޖިލިސް މަސައްކަތްތައް ހުއްޓުމަކަށް އައުމަކީ އެދޭގޮތް ނޫންކަމަށެެވެ. އަދި މެމްބަރުންވެސް، އިދާރީ މުވައްޒަފުންވެސް ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅައި މަސައްކަތް ކުރެވިއްޖެނަމަ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށެވެ.