ޚަބަރު

ކޯވިޑް-19 : މާލޭ ޖަލުން 101 ސާމްޕަލެއް ނަގައިފި


މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ބައްޔަށް ޓެސްޓްކުރުމަށްޓަކައި 101 ސާމްޕަލެއް ނަގައިފިއެވެ.

ޖަލު އޮފިސަރެއް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ، މަގުމަތިން އެކްޓިވް ސާމްޕަލް ނަގައިގެން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވުމުންކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ޕޮޒިޓިވްވިއިރު ހުރީ އެކަހެރިކޮށްފައިކަމަށްވެސް އެންއީއޯސީން ވިދާޅުވެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވީ، މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާތީ، އެޗްޕީއޭއާއި ގުޅިގެން މިހާތަނަށް 101 ސާމަޕަލް މާލޭ ޖަލުން މިއަދު ނަގާފައިވާކަމަށެވެ. ސާމްޕަލް ނަގާފައިވަނީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 70 މީހަކާއި، މާލޭ ޖަލުގެ 24 ޤައިދީއަކާއި، 7 ވެއިޓަރެއްގެ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެބަލި ޖަލުތަކުގައި އުޅޭތޯ ދެނެގަތުމަށްޓަކައި މީގެ ކުރިން ވަނީ ކަރެކްޝަނަލް ސަރވިސުން ބަލަހައްޓާ ހުރިހާ ޖަލުތަކާއި، ޖަލު އޮފިސަރުންނާއި، މުވައްޒަފުންގެ ސާމްޕަލްތައް ނަގައި ބަައްޔަށް ޓެސްޓުކޮށްފައެވެ. އެގޮތުން މާލެ ޖަލާއި ހުޅުމާލެ ޖަލުގެ އިތުރުން މާފުށީ ޖަލާއި، އައްސޭރިޖަލުން އޭރުނެގި ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ.