ޚަބަރު

ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލިޔަސް އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެއް


ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭގޮތަށް ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ "ކޯވިޑް -19 އާއި ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު"ގައިވާގޮތުން ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެފަދަ ތަންތަނުގައި ޝީޝާ އާއި ވޭޕަރާއި، އީ - ސިނގެރޭޓް ފަދަ ތަކެތި ހިމެނޭހެން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެކެވެ.

ކޯވިޑް-19ގެ ޙާލަތަށްފަހު އައު އާންމު ޙާލަތަށް ރުޖޫޢަވެ، ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލި ފެތުރުން މަދުކުރުމަށްޓަކާ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއްކަމަށް އެޗްޕީއޭއިން އާންމުކުރެއްވި އުސޫލުގައި ވަނީ ވިދާޅުވެފައެވެ.

ކޯވިޑް -19 ގެ ޙާލަތަށް ބަލައި ބަދަލު ގެނެވިދާ 8 ތަނެއްވެސް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ. މިތަންތަނުގެ ތެރޭގައި ހިމެނެނީ ކާބޯތަކެތި އުފައްދާ ތަންތަނާއި، ހޮޓާ، ކެފޭ ރެސްޓޯރެންޓުތައް، ކާބޯތަކެތި ޑެލިވަރީ ކުރުން، ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުން، ކާބޯތަކެތި ރީޓެއިލް ކުރުން، ކާބޯތަކެތި ވިއްކާ މާރުކޭޓުތަކާއި އަދި ކެންޓީންތަކެވެ.

މި އުސޫލުގައިވާގޮތުން ރައްކާތެރިކަމާއެކުގައި ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގައި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށް ދޭއިރު އާންމު ޙާލަތަށް ރުޖޫޢަވުމުގައި ތަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހަދަންޖެހެއެވެ. އަދި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލް ހެދުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ކާބޯތަކެތީގެ މަސައްކަތްކުރާ ތަންތަނުގައި ތަނަށް ޒިޔާރަތްކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބަހައްޓަންޖެހޭއިރު، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މަނާކަމެކެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ މި އުސޫލުގައި ވަރަށް ތަފްސީލުގުތަކަށް ކާބޯތަކެތީގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ވަނީ ކަނޑައަޅާފައެވެ. އަދި އެތަންތަނުގެ ޙިދުމަތް ހޯދާ މީހުންނާއި، ޙިދުމަތް ފޯރުކޮށްދޭ މީހުންވެސް އަމަލުކުރަންޖެހޭ ގޮތްތައްވަނީ ކަނަޑައަޅާފައެވެ. އެގޮތުން ބަލިވެ އުޅޭ މުވައްޒަފުންނާމެދު ޢަމަލު ކުރާނެ ގޮތާއި، ކާބޯތަކެތި ރައްކާކުރުމާއި އެއްތަނުން އަނެއްތަނުން އުފުލުމާއި ޑެލިވަރީ ކުރުމުގައި އަމަލުކުރަންޖެހޭ ގޮތައްވެސް ބަޔާންކޮށްފައިވެއެވެ.

މިއުސޫލުގައި ތަނުގައި މަސައްކަތްކުރާ މީހުން މާސްކު އެޅުމަށާއި، އާންމު ސާފުތާހިރުކަމަށް ދޭންޖެހޭ ސަމާލުކަން އިސްކޮށް، މިފަދަ ޙިދުމަތްދޭ ކޮންމެ ތަނެއްގައިވެސް ގައިދުރުކަން އިސްކުރެވޭގޮތަކަށް ކަންކަން އިންތިޒާމުކުރުމަށްވެސް ވަނީ އަންގާފައެވެ.