ޚަބަރު

އިސްލާމިކް މިނިސްޓަރާ ސުވާލުކުރެއްވުން، މަޖިލީހުގެ މާދަމާގެ ޖަލްސާގައި


މާވެޔޮ މިސްކިތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އިސްލާމިކް މިނިސްޓަރާއި ސުވާލުކުރެއްވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާ ކުރެއްވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ސުވާލަކީ މިދިޔަ ރޯދަމަހުގެ ކުރިން މިނިސްޓަރާ ކުރެއްވުމަށް މެމްބަރު ހުށަހެޅުއްވި ސުވާލެކެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން މާލެ ފުރަބަންދުކޮށް ޖަލްސާތައް މެދުކަނޑާލުމާ ގުޅިގެން މިނިސްޓަރާ ސުވާލުކުރެވިފައިނުވެއެވެ.


މެމްބަރު ހައިތަމް މިނިސްޓަރާ ކުރައްވާ ސުވާލުތަކުގެ ތެރޭގައި މާވެޔޮ މިސްކިތް އަލުން ހުޅުވޭނެ ތާރީޙެއް ސާފު ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވަނީ ރަމަޟާންމަހަށް، މާވެޔޮ މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވުމަށް ނިންމަވާފައެވެ. އެހެންނަމަވެސް ކޯވިޑް-19ގެ ކޭސްތައް މާލެއިން ފެނުމާ ގުޅިގެން މިސްކިތް ހުޅުވުން ލަސްކުރިއެވެ. ކުރިން 400 މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްދީފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލީ ޖަހާނުގެ އަމިއްލަ ޚަރަދުގައެެވެ.

މާވެޔޮ މިސްކިތް އަލުން ޢިމާރާތްކޮށްފައިވަނީ 2000 އެއްހައި މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައާއެކުއެވެ. މިސްކިތުގެ ޢިމާރާތް ހަދާފައިވަނީ 6 ފަންގިފިލާއަށެވެ. މިސްކިތުގެ ޢިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން، އިދާރީ މަސައްކަތް ކުރުމަށް ބައެއް ފަންގިފިލާތައްވަނީ ޚާއްސަކޮށްފައެވެ.

މާވެޔޮ މިސްކިތުގައި ފިރިހެނުންނަށް ޚާއްސަ ބައެއްގެ އިތުރުން، އަންހެނުންނަށް ނަމާދު ކުރަން ޚާއްސަ ބައެއް ކަނޑައަޅާފައިވެއެވެ. ނަމާދުކުރާ ބައިތައްވަނީ އެއަރކޮންޑިޝަން ކޮށްފައެވެ. އަދި މިސްކިތުގައި ވަނީ ލިފްޓްވެސް ބަހައްޓާފައެވެ. މާވެޔޮ މިސްކިތް އަލުން ޢިމާރާތްކުރުމށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.

މާވެޔޮ މިސްކިތް ނިންމައި އެ މިސްކިތް އިއްޔެ ރަސްމީކޮށް އިސްލާމިކް މިނިސްޓްރީއާ ޙަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކުރިން ވިދާޅުވެއެވެ. އެހެންނަމަވެސް މި މިސްކިތް ޢާއްމުކޮށް ހުޅުވާލާނީ މާލޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަދިނުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.