ޚަބަރު

ލީބިޔާގެ މައްސަލައިގެ ތެރެއަށް މިޞްރަށް ވަދެވޭނެ: ސީސީ


ލީބިޔާގެ މައްސަލައިގައި ބައިވެރިވުމުގެ ޙައްޤު މިޞްރަށް ލިބިގެންވާކަމަށް އެ ޤައުމުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީ ވިދާޅުވެއްޖެއެވެ. ސީސީ އެގޮތަށް ވިދާޅުވެފައިވަނީ ލީބިޔާގެ މައްސަލައިގައި ސަރަޙައްދީ އެންމެ ބޮޑު ހަތުރުކަމަށްވާ ތުރުކީވިލާތުން އެހީތެރިވަމުންދާ ލީބިޔާގެ ސަރުކާރުން ދިން ޙަމަލާތަކުގައި މިޞްރުން ވާގިވެރިވަމުންދާ ލީބިޔާގެ އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

މިޞްރުގެ ސަރަޙައްދީ ރޮނގުގައާއި ޤައުމުން ބޭރުގައި ހިނގާ އަސްކަރީ ޙަރަކާތްތަކުގައި ބައިވެރިވުމަށް އެ ޤައުމުގެ އަސްކަރިއްޔާ ތައްޔާރުވުމަށް ރައީސް ސީސީވަނީ އަމުރުކުރައްވާފައެވެ. އޭނާ ވިދާޅުވީ ލީބިޔާގެ މައްސަލައިގައި ޢަމަލީ ގޮތުން މިޞްރު ބައިވެރިވުމުގެ ބަދަލުގައި ސިޔާސީ ޙައްލެއް ހޯދަން ބޭނުންވި ނަމަވެސް ކުރިމަތިވެފައިވާ ޙާލަތަކީ ތަފާތު އަދި އުނދަގޫ ޙާލަތެއްކަމަށެވެ. ބޭރު ޤައުމުތަކުގެ އެހީތެރިކަން ލިބޭ ނިރުބަވެރި ހަނގުރާމަވެރިންނާއި ކުލީ ސިފައިންގެ ފަރާތުން މިޞްރަށް ލިބެމުންދާ ސީދާ އިންޒާރުތަކުން ރައްކާތެރިމުގެ ހައްޤު އެ ޤައުމަށް ލިބިގެންވާކަމަށް އޭނާ ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި އޭނާ އިޝާރާތްކުރައްވާފައިވަނީ ލީބިޔާގެ ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކަށެވެ. އެ ޖަމާޢަތްތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ތުރުކީވިލާތުންނެވެ.

މިޞްރުން އަޅާ ފިޔަވަޅުތަކުގެ މައިގަނޑު މަޤްސަދަކަށްވާނީ 1،200 ކިލޯމީޓަރަށް ދެމިގެންދާ އެ ޤައުމުގެ ހުޅަނގުގައި އޮންނަ ސަރަޙައްދީ ރޮނގު ރައްކާތެރިކުރުމާއި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައި ލީބިޔާގައި ޞުއްޙަ ޤާއިމްކުރުމެވެ. މިޞްރުގެ ސަރަޙައްދީ ރޮނގު ރައްކާތެރިކޮށް ޤައުމުގެ ސަލާމަތީ ކަންކަން ޔަޤީންކުރުމަށް އެ ޤައުމުން ކުރާ މަސައްކަތްތަކަށް ޔޫއޭއީއާއި ސަޢުދީ ޢަރަބިއްޔާއިން ތާޢީދުކުރެއެވެ.