ޚަބަރު

މުވައްޒަފަކު ޕޮސިޓިވްވުމުން ކްރިމިނަލް ކޯޓުގެ މިއަދާއި މާދަމާގެ ޝަރީއަތްތައް ކެންސަލްކޮށްފި


ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޯވިޑް 19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، މިއަދާއި މާދަމާ ބޭއްވުމަށް ތާވަލު ކުރި ޝަރީޢަތްތަކުގެ އަޑުއެހުންތައް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މި ދެދުވަހު ކޯޓު ހުޅުވައިގެން ޚިދުމަތް ނުދެވުނަސް، ބަންދާއިމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި ތަޙްޤީޤުކުރާ އިދާރާތަކުން ބޭނުންވާ އަމުރުތައް ނެރުމުގެ މަސައްކަތްތައް މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތްކުރާނީ އެ ކޯޓުގެ ޤާޟީންނާއި މުވައްޒަފުން ގޭގައި ތިބެގެން ވާރޗުއަލްކޮށް ކަމަށް ވެސް ވަނީ ވިދާޅުވެފައި އެވެ.

އެ ކޯޓުން ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވީ މުވައްޒަފުންގެ ތެރެއިން، ކަރަންޓީނަށް ދާންޖެހޭ މުވައްޒަފުން، އެޗްޕީއޭ ގެ އިރުޝާދުގެ ދަށުން މިހާރު ދެނެގެނެވިފައިވާ ކަމަށެވެ.

" ފަހަރެއްގައިވެސް މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވިޔަސް، ގިނަ މުވައްޒަފުންތަކެއް ކަރަންޓީން ކުރަން ނުޖެހޭ ގޮތަށް ކޯޓުގެ މަސައްކަތް ވަނީ ރޭވިފައެވެ. " ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.

ބަންދާއިމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި ތަޙްޤީޤުކުރާ ފަރާތްތަަކަށް ބޭނުންވާ އަމުރުތައް ނެރުމުގެ މަސައްކަތްތަކާއި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީޢަތުގެ އަޑުއެހުންތައް ލޮކްޑައުންގެ ޙާލަތުގައި ވެސް އެ ކޯޓުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިމައްސައްކަތް ކުރުމަށް ޤާޟީންނާއި މުވައްޒަފުން މި މަހުގެ 15 އިން ފެށިގެން ނުކުންނަނީ ދެ ދަންފަޅިއަކަށް ބަހައިގެންނެވެ.

އެއީ ޖާގައިގެ ދަތި ކަމުން ގިނަ ބަޔަކު އެއްފަހަރާ ނުކުމެގެން ދުރުދުރުގައި ނުތިބެވޭނެތީއާއި، އަޑުއެހުންތައް ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސްކޮށް ކަމަށްވެފައި، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިތިބި މީހުންތިބީ މާލޭ ޖަލާއި މާފުށީ ޖަލުގައި ކަމަށްވާތީ ވީޑިއޯ ކޮންފަރެންސްކޮށް އެއްފަހަރާ ކުރިއަށް ގެންދެވޭނީ ދެ އަޑުއެހުން ކަމަށްވާތީއެވެ.

" ހެނދުނު ދަންފަޅީގައި ނުކުންނަ މުވައްޒަފުން މަސައްކަތް ކުރާނީ 9 އިން 12އަށެވެ. މެންދުރުފަހު ދަންފަޅީގައި ނުކުންނަ މުވައްޒަފުން މަސައްކަތް ކުރާނީ މެންދުރުފަހު 1 އިން 4 އަށެވެ. ކޮންމެ ދަންފަޅިއެއްގައި ނުކުންނާނީ ޝަރީޢަތް ކުރާ ދެ ސެކްޝަނަކުންނެވެ. ކޮންމެ ސެކްޝަނަކުންވެސް ބޭނުންވާ އެންމެ މަދު ޢަދަދެއްގެ މުވައްޒަފުންނެވެ." ކްރިމިނަލް ކޯޓުގެ ބަޔާނުގައިވެ އެވެ.

ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޯވިޑް19އަށް ޕޮސިޓިވްކަން ހާމަކޮށްފައި ވަނީ އިއްޔެއެވެ.