ޚަބަރު

ކޯވިޑް- 19 : މައްކާގެ މިސްކިތްތައް ހުޅުވާލައިފި


ކޯވިޑް-19 އާއި ގުޅިގެން މައްކާގައި އާއްމުންނަށް މިސްކިތްތައް ބަންދުކޮށްފައި ހުރުމަށްފަހު މިސްކިތްތައް ހުޅުވާލައިފިއެވެ.

މައްކާގެ މިސްކިތްތައް މިއަދުގެ ފަތިސް ނަމާދުން ފެށިގެން ހުޅުވާލި ނަމަވެސް އަދިވެސް މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް ހުޅުވާލުމަށް ނިންމާފައެއް ނުވެއެވެ.

މައްކާގެ މިސްކިތްތައް މިއަދުންފެށިގެން ހުޅުވާލާފައި ވީނަމަވެސް، މިސްކިތްތައް ހުޅުވާލާފައި ވަނީ ސަލާމަތީ ޚާއްސަ ފިޔަވަޅުތަކާއި އެކުގައެވެ، މިގޮތުން މިސްކިތްތަކުގައި ނަމާދު ކުރުމާއި މިސްކިތަކަށް ވަދެ ނުކުތުމާއި ގުޅޭ ޚާއްސަ އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ.

މައްކާގެ މިސްކތްތައް ހުޅުވާލުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައި ވާއިރު ކޯވިޑް-19އާއި ގުޅިގެން ސަޢުދީ ޢަރަބިޔާގައި އޮތް ކާފިއުވެސް މިއަދުން ފެށިގެން އުވާލުމަށް ސަޢުދީ ސަރުކާރުންވަނީ ނިންމަވާފައެވެ. ސަޢުދީގައި ރައްކާތެރިކަމުގެ ގޮތުން މުސްލިމުގެ މުގައްދަސް ދެޙަރަމް ކަމުގައިވާ މައްކާގައި ހުންނަ މަސްޖިދުލް ޙަރަމާއި މަދީނާގައި ހުންނަ މަސްޖިދުލްނަބަވީ އާއި އެހެނިހެން މިސްކިތްތައް ވަނީ މާރިޗުމަހުގެ 21 ވަނަ ދުވަހުން ފެށިގެން ބަންދުކޮށްފައެވެ. އެހެންނަމަވެސް ގައިދުރުކަން ކަށަވަރުވާނޭހެން މަސްޖިދުއްނަބަވީ މިދިޔަ މެއިމަހުގެ 31 ވަނަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ހުޅުވާ މިހާރު ނަމާދުގަޑިތަކުގައި ޖަމާޢަތުގައި އަންނަނީ ނަމާދުކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް މަސްޖިދުލް ޙަރާމްގައި ޢާއްމުކޮށް ނަމާދުކުރުމަށް ހުޅުވާލާފައެއް ނުވެއެވެ. މަސްޖިދުލްޙަރަމްގައި ނަމާދުކުރުމުގެ ފުރުސަތު ދީފައި ވަނީ ހަމައެކަނި މިސްކިތް ބަލަހައްޓާ މީހުންނަށާއި އެތަނުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

މިދަނޑިވަޅުގައި ޢުމްރާ ކުރުމާއި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަންނަ މީހުނަށް އެޤައުމު ހުޅުވާލުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި އެކަން އެގޮތަށް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާތައް ކުރަމުންދާކަމަށް ސަޢުދީ ސަރުކާރުންވަނީ މީގެކުރިން ހާމަކުރައްވާފައެވެ. ސަޢުދީގައި މިހާތަނަށް ކޯވިޑް-19އަށް އެއްލައްކަ ފަންސާސްހާހަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވާއިރު އެޤައުމުގައި ވައިރަހުގެ ސަބަބުން އެއްހާސް ދުއިސައްތައަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް މަރުވެފައެވެ.

ކޯވިޑް-19އާއި ގުޅިގެން ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ސަޢުދީގައި ވަނީ ކާފިއު ހިންގައި ގެއިން ބޭރަށް ނިކުތުންވެސް މަނާކޮށްފައެވެ. އެގޮތުން މައްކާ އާއި ޖިއްދާގައި ކާފިއުގެ ތެރޭގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ދީފައި ވަނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށެވެ. އެޤައުމުގައި ކޯވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން އިއުލާންކުރި ކާފިއު އުވާލަން ނިންމާފައިވީނަމަވެސް އަދިވެސް ބޯޑަރުތައް ހުޅުވާލާ އެޤައުމަށް މީހުން އެތެރެވުމާއި އެހެން ޤައުމުތަކަށް ދަތުރުކުރުންވެސް ވަނީ ހުއްޓުވާފައެވެ. މީގެއިތުރުން ޢުމްރާ ކުރުމުގެ ފުރުސަތު ދިނުމަށް އަދި ނިންމާފައިނުވާކަމަށް ސައުދީ ސަރުކާރުން ވިދާޅުވެއެވެ.

ކާފިއު އުވާލުމާއި ގުޅިގެން ގެއިން ބޭރަށް ނިކުތުމުގެ ފުރުސަތު ޢާއްމުނަށް މިހާރު އޮންނާނެކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ. އެގޮތުން ބޯކޮށާނެ ތަންތަނާއި ސެލޫންތަކާއި ވިޔަފާރިތައް މިއަދުން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމަވާފައެވެ. ކާފިއު އުވާލިނަމަވެސް އަދިވެސް 50 މީހުންނަށްވުރެ ގިނައިން އެތަނަކަށް މީހުން އެއްވެ އުޅުމަކީ މަނާކަމެއް ކަމަށާއި ބޭރުގައި އުޅޭއިރު ގައިދުރުކަން ކަށަވަރުކުރުމައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަންތައްތަކުގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކު އެޅުމަށް އަންގާފައި ވާއިރު މިކަންކަމާއި ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށްވެސް އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވައެވެ.