ވިޔަފާރި

އަންގާރަދުވަހުގެ ކުރިން މާރުކޭޓް ގޮޅިތައް ހުސްކުރަން އަންގައިފި


އަންނަ އަންގާރަ ދުވަހުގެ ކުރިން މާރުކޭޓް ގޮޅިތައް ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ލޯކަލްމާރުކޭޓާއި، ވަޅޯމަސްމާރުކޭޓްގެ އިތުރުން އިންޕޯޓް މުދާވިއްކާ (ގަޑިކަމަރު) ގޮޅިތައް ހުސްކުރުމަށް އެ ކައުންސިލުން ވަނީ އަންގާފައެވެ.

ގޮޅިތައް ހުސްކުރުމަށް އަންގާފައިވަނީ ނިއުނޯމަލްއަށް ތައްޔާރުކުރުމަށްޓަކައެވެ. މާރުކޭޓް ގޮޅިތައް ހުސްކުރުމަށް މީގެކުރިންވެސް ސިޓީ ކައުންސިލުން ވަނީ މުހުލަތެއްދީފައެވެ.

މިފަހަރު ގޮޅިތައް ހުސްކުރަން އަންގާފައިވަނީ 23 ޖޫންގެ ހަވީރު 18:00ގެ ނިޔަލަށެވެ. މި މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުރި ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް ގުދަނުގެ ގޮތުގައި ހަދާފައިހުރި ގޮޅިތައް ރޫޅާލާ މުޅި މާރުކޭޓް ،ދޮވެ ސާފުކުރުމަށް ފަހު ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އައު އާންމު ޙާލަތުގައި އަންނަ މަހު މާލޭ ލޯކަލް މާރުކޭޓް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، ފުރަބަންދު އުވާލައި މާލޭ ސިޓީގެ މާރުކޭޓުތައް އަލުން ހުޅުވާއިރު ޚިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް މާލޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.

މާރުކޭޓުތަކުގައި ހިންގާ ގޮޅިތަކުގައި ހިފަހައްޓަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި ހިދުމަތްދޭން ތިބޭ ފަރާތްތަކުގެ ސާފުތާހިރުކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން ވިއްކަން ބަހައްޓާ ތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުތައްވެސް މި އުސޫލުގައި ހިމަނާފައިވެއެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19ގެ ޙާލަތަށްފަހު މާރުކޭޓްތައް އަލުން ހުޅުވާއިރު ގޮޅިތައް ކޮންމެ ދުވަހަކު އެއްފަހަރު ޑިސްއިންފެކްޓްކޮށް ސާފްކުރަންޖެހޭނޭކަމަށެވެ. އަދި ވިއްކަން ބަހައްޓާފައި ހުންނަ ތަކެތި ބިންމަތީގައި ނުބެހެއްޓުމާއި، ގޮޅީގައި ތިބޭ މީހުން ސާފްތާހިރުކޮށް ތިބުމާއި، އިޖްތިމާއީ ގައިދުރުކަމުގެ މިންގަނޑުތަކަށް ކަމޭ ހިތުމާއި ބަލީގެ އަލާމަތްތައް ފެންނިއްޖެނަމަ ގޮޅީގައި މަސައްކަތް ނުކުރުމަކީވެސް ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑުތަކުގައި ހިމެނޭކަމެކެވެ.