ވިޔަފާރި

މާލޭގައި ހުޅުވާ 'މިނީސޯ'ގެ ފިހާރަ ޖުލައި 1ގައި ހުޅުވަނީ


މާލޭގައި ހުޅުވާ 'މިނީސޯ' ގެ ފިހާރަ އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ހެޔޮ އަގެއްގައި ތަފާތު އެކި ކަހަލަ ސާމާނު ވިއްކާ 'މިނީސޯ' ގެ ފިހާރެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދަނީ ސޮނީ ސްޕޯޓްސްއިންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސޮނީ ސްޕޯޓްސްގެ ޖެނެރަލް މެނޭޖަރ މައުމޫން އަބްދުﷲ ވިދާޅުވީ ފިހާރަ ހުޅުވުމަށްވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ.

މިނީސޯ ފިހާރަ ހުންނާނީ ކަލާފާން ސްކޫލްގެ މައި ގޭޓު ކުރިމަތީގައެވެ. މި ފިހާރައިން މިނިސޯގެ އެހެން ފިހާރަތަކުންވެސް ލިބެން ހުންނަ ތަކެތި ލިބެން ހުންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

ސްނީ ސްޕޯޓްސްއިން ދަނީ މިނީސޯ ފިހާރައިން ލިބެން ހުންނަ ތަކެތި އޮންލައިންކޮށްވެސް ވިއްކަމުންނެވެ. މީގެ ދެހަފްތާ ކުރިން ދޭން ފެށި މި ޙިދުމަތަށް އާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަން މައުމޫން ފާހަގަކުރެއްވިއެވެ. އެގޮތުން އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް 70 އޯޑަރު ލިބޭކަމަށް މައުމޫން ވިދާޅުވިއެވެ.

މިނީސޯއިން މިހާރުވެސް ދަނީ ދުނިޔޭގެ 90އަށް ވުރެ ގިނަ ޤައުމެއްގައި ފިހާރަތައް ހިންގަމުންނެވެ. ޗައިނާގެ ކުންފުންޏެއް ކަމަށްވާ މިނީސޯއިން ދަނީ އެ އެކުންފުނީގެ ވިޔަފާރި ދުނިޔޭގެ އެކި ހިސާބުތަކަށް އިތުރަށް ފުޅާ ކުރުމަށްޓަކައި މަސައްކަތްކުރަމުންނެވެ.

2011 ވަނަ އަހަރު ހުޅުވި ފުރަތަމަ މިނީސޯގެ ފިހާރައާއި އެކު ކުރު މުއްދަތެއްގެ ތެރޭގައި އެކުންފުނިން ވަނީ އާއްމުންގެ މެދުގައި ބޮޑޫ މަޤްބޫލްކަމެއް ހޯދާފައެވެ. ގޭތެރޭ ހިފާ ގެންގުޅޭ ސާމާނާއި، ފޮތް ފަންސޫރު ފަދަ ތަކެއްޗާއި، ކުޑަކުދިން ކުޅޭ ސާމާނާއި، ރީތިވުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބަދިގޭ ސާމާނު މިނީސޯގެ ފިހާރަތަކުގެ ހެޔޮ އަގެއްގައި ލިބެން ހުރެއެވެ.

2016 ވަނަ އަހަރު ނިމުނު އިރު، މިނީސޯގެ އާމްދަނީ ވަނީ 1.5 ބިލިއަން ޑޮލަރަށް އަރައެވެ. 2015 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 769.9 މިލިއަން ޑޮލަރެވެ