މާދަމާ ހިފާ އިރުކޭތަ ފަޅިކޭތައެއްގެ ގޮތުގައި ރާއްޖެއަށް ފެންނާނެއެވެ.
ފަލަކީ އިލުމުވެރިންގެ ބަހުންނަމަ، މާދަމާގެ ކޭތައަކީ އެނިއުލަރ އެކްލިޕްސް ނުވަތަ އަނގޮޓި ކޭތައެކެވެ.
ފަލަކީ އިލުމުވެރިން ވިދާޅުވާ ގޮތުގައި، މާދަމާ ހިފާ އިރުކޭތަ ފެންނާނީ ދެކުނު ޕެސިފިކްގެ ޖަޒީރާޤައުމުތަކަށާއި އިރުމަތީ އޭޝިޔާ އާއި ދެކުނު އޭޝިއާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ޤައުމުތަކަށެވެ. ޔޫރަޕާއި އެމެރިކާ ބައްރަށް މިކޭތައެއް ނުފެންނާނެއެވެ.
ރާއްޖެއަށް ކޭތަ ހިފަން ފަށާނީ ހެނދުނު 9:31 ގައެވެ. އަދި އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ 10:51 ގައެވެ. ޖޯގްރަފީގޮތުން ރާއްޖެ އޮތް ގޮތުން މިކޭތަ އެންމެ ބޮޑަށް ފެނާނީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްރަށަށެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފައިވަނީ، ރާއްޖެއަށް ކޭތަ ފެންނަ އެހެން ފަހަރުތަކެކޭ އެއްގޮތަށް މާދަމާވެސް މިސްކިތްތަކުގެ ކޭތަ ނަމާދު ކުރާނެ ކަމަށެވެ. މިގޮތުން މާދަމާގެ ކޭތަ ނަމާދު ކުރާނީ، ކޯވިޑް-19ގެ ހާލަތަށް ދިން ލުއިތަކުގެ ތެރޭން ޖަމާއަތުގެ ނަމާދު ކުރުމަށް ހުއްދަ ދީފައިވާ ރަށްރަށުގައި ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
ޖައްވީ އަދި ފަލަކީ މައުލޫމާތު ހާމަކުރާ ނާސާގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، މާދަމާގެ އިރުކޭތަ ހިފަން ފަށާނީ، ޖީއެމްޓީގަޑިން 3:51ގައެވެ. އަދި ކޭތަ ފުރިހަމަވެފައި ހުންނާނީ، ޖީއެމްޓީގަޑިން 4:48 ގައެވެ. މިކޭތަ އެންމެ ފުރިހަމައަށް ފެންނާނީ، އުތުރުއިންޑިއާގެ އުއްތަރުކަންދު ސްޓޭޓަށެވެ.
ނާސާއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިކޭތަ އުއްތަރުކަންދުއަށް އެންމެ ފުރިހަމައަށް ފެންނާނީ އިންޑިއާ ގަޑިން 12:05 ގައެވެ.
މާދަމާގެ އިރުކޭތައިގެ އިތުރުން މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފުރިހަމަ އިރުކޭތައެއް ހިފާނެއެވެ. އެކަމަކު އެ އިރުކޭތަ ފެންނާނީ ދެކުނު އެމެރިކާ ބައްރުގެ އާޖެންޓީނާ އާއި ޗިލީއަށް އެކަންޏެވެ.
ރާއްޖެއަށް ފުރިހަމަ އިރުކޭތައެއް ފެނިފައި ވަނީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 15 ވީ ހުކުރު ދުވަހުގައެވެ.
ކުރިއަށް އޮތް ޤަރުނުގައިވެސް ރާއްޖެއަށް ފުރިހަމަ އިރުކޭތައެއް ދެނެއް ނުފެންނާނެއެވެ.
Mariyam Zahura
ހެޔޮރަޚްމަތް ލައްވާ ސާބިތުކަންދެއްވާށި. އާމީން