ޚަބަރު

އިންޑިޔާގެ ސަރަޙައްދަށް އެއްވެސް ބަޔަކު ވަދެފައެއް ނުވޭ: މޯދީ


އިންޑިޔާއާއި ޗައިނާ ގުޅޭ ސަރަޙައްދީ ރޮނގު ފަހަނައަޅައި އިންޑިޔާއަށް އެއްވެސް ބަޔަކު ވަދެފައިނުވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނެފައިވަނީ އެ ޤައުމުގެ ސަރަޙައްދުގައި ޗައިނާއިން ބިނާއެއް ހަދަން މަސައްކަތްކޮށްފައިވާކަމަށެވެ. އެއަށްފަހު ހިނގި ހަމަނުޖެހުންތަކުގައި އިންޑިޔާގެ 20 ސިފައިން މަރުވެފައިވާކަމަށާއި 70އަށްވުރެ ގިނަ ސިފައިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ.

އިންޑިޔާއާއި ޗައިނާއާ ދެމެދު ހިނގި އަސްކަރީ ކުރިމަތިލުމާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ ސަރަޙާއްދީ ރޮނގު ހުރަސްކޮށް އިންޑިޔާގެ ސަރަޙައްދަށް އެއްވެސް ބަޔަކު ވަދެފައިނުވާކަމަށާއި އެ ސަރަޙައްދު އޮތީ އިންޑިޔާގެ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައިކަމަށްށެވެ.

އިންޑިޔާއާއި ޗައިނާއާ ދެމެދު އޮންނަ ސަރަޙައްދީ ރޮނގަކީ އުސް ފަރުބަދަތައް ގިނަ އަދި ދެ ޤައުމުގެ އިމާމެދު ބޮޑެތި ޚިލާފުތަކެއް އުފެދިފައިވާ ސަރަޙައްދެކެވެ. އެގޮތުން، ސަރަޙައްދީ ރޮނގުގެ މައްސަލާގައި 1962ވަނަ އަހަރު ދެ ޤައުމުންވަނީ ހަނގުރާމަކޮށްފައެވެ. ނަމަވެސް، 1967ވަނަ ހިނގި ކުރިމަތިލުމެއްގައި ސިފައިންގެ ބަޔަކު މަރުވި ފަހުން ދެ ޤައުމުގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ނުތަނަވަސްކަން ނައްތާލަން ދެ ޤައުމުންވެސްދަނީ މަސައްކަތްކުރަމުންނެވެ. އަދި އަސްކަރީ ފަންތީގެ މަޝްވަރާތައް ދަނީ ކުރިއަށް ގެންދަމުންނެވެ.