ޚަބަރު

ބްރެޒިލުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް


ބްރެޒިލުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު އެއް މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.

އެމެރިކާއަށްފަހު ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ބްރެޒިލުގައެވެ. ކޯވިޑް-19 ޖެހިގެން އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 50،000އާ ގާތްކޮށްފައެވެ. އެ ޤައުމުގެ ޙާލަތު ގޯސްވަފައިވަނީ އެ ޤައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ، ޤައުމުގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ބްރެޒިލުން ފެނުނީ ފެބްރުއަރީ 26ވަނަ ދުވަހުއެވެ. އޭގެ ފަހުން ހަލުވިކަމާއެކު އެ ޤައުމުގައި ބަލި ފެތުރުމުން އެ ޤައުމުގެ ރައީސް ޖައީޚް ބޮލްސޮނާރޯއަށް އޮންނަ ތާޢީދުވަނީ ދަށްވެފައެވެ. ގިނަ ދުވަސްތަކަކަށްފަހު ކުރި އަރަންފަށައިފައިވާ އެ ޤައުމުގެ އިޤްތިޞާދު ހީނަރުވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

ބްރެޒިލުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ 1،032،913 މީހުންނަށް އެ ޤައުމުގައި ކޯވިޑް-19 ޖެހިފައިވާކަމަށާއި މަރުވި މީހުންގެ ޢަދަދު 48،954އަށް އިތުރުވެފައިވާކަމަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ 54،771 މީހުންވަނީ ފެނިފައެވެ. އެއީ އެއް ދުވަސް ތެރޭގައި ބަލިޖެހިފައިވާ މީހުން ފެނުނު އެންމެ މަތީ ޢަދަދެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،206 މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ.

ޞިއްޙީ މާހިރުން ޤަބޫލުކުރާގޮތުގައި ބްރެޒިލުގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދާއި ބަލީގެ ސަބަބުން މަރުވި މީހުންގެ އަސްލު ޢަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވާނެއެވެ. އެ ޤައުމުގައި އެދެވޭ މިންވަރަކަށް ބައްޔަށް ތަހުލީލު ނުކުރެވޭކަމަށް ގިނަ ފަރާތްތަކަކުންވަނީ ފާހަގަކޮށްފައެވެ. ބަލި ޖެހިފައިވާ މީހުންގެ އަސްލު ޢަދަދު އެންމެ މަދުވެގެން 3 މިލިއަނަށް އަރާނެކަމަށް ބައެއް މާހިރުން އަންދާޒާކުރެއެވެ.