ޚަބަރު

އިޓަލީވިލާތުގައި ކޯވިޑް-19 ފެތުރެންފެށީ ޑިސެންބަރު މަހު: ދިރާސާ


މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އިޓަލީވިލާތުގައި ކޯވިޑް-19 ފެތުރެން ފަށައިފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް އިޓަލީވިލާތުން ފެނުނީ ޖެނުއަރީ 31ވަނަ ދުވަހުއެވެ. އެ ޤައުމުގައި 238،011 މީހުންނަށް ކޯވިޑް-19 ޖެހި، 34،561 މީހުންވަނީ މަރުވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މި އަހަރުގެ ފެބްރުއަރީ މަހާ ދެމެދު އިޓަލީވިލާތުގެ އުތުރުގެ ސަރަޙައްދުތަކުގެ ނަރުދަމާ ނިޒާމުން އެއްކޮށްފައިވާ 40 ސާންޕަލު އިޓަލީވިލާތުގެ ދަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުންވަނީ ތަހުލީލުކޮށްފައެވެ. އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގެ ސާންޕަލުތަކުން ކޯވިޑް-19ގެ އަސަރު ފެނިފައެއް ނުވެއެވެ. ނަމަވެސް ޑިސެމްބަރ 18ވަނަ ދުވަހު މިލާނާއި ޓިއުރިނުން ނަގާފައިވާ ފެނުގެ ސާންޕަލުތަކުން ކޯވިޑް-19ގެ އަސަރު ފެނިފައިވާކަމަށް އެ ތަހުލީލިން ދައްކައެވެ. ފެނުގައި ޖަރާސީމު ހުރިތޯ ބެލުމަށް ނަރުދަމާގެ ނިޒާމުތަކުން ސާންޕަލު ނަގައިގެން ކުރާ ތަހުލީލުތަކަކީ ބައްޔެއް ފެތުރެމުންދާކަން އަވަހަށް ދެނެގަތުމަށް ބޭނުންކުރެވޭނެ މުހިންމު ވަޞީލަތެކެވެ. ލަފާކުރި ވަރަށްވުރެ ކުރިން ޤައުމުތަކުގައި ބަލި ފެތުރެން ފަށާފައިވާކަމަށް ބުނާ ދިރާސާތަކަށް އެ ތަހުލީލުގެ ނަތީޖާ ބާރުދެއެވެ.

ފެނުގެ ފެންވަރު ތަހުލީލުކުރާ މާހިރެއްކަމަށްވާ ގުސެއްޕިނާ ލަ ރޮސާ ވިލާޅުވީ ޖެނުއަރީ މަހުން ފެށިގެން ބޮލޮގުނާއިން ނަގާފައިވާ ސާންޕަލުތަކުން ކޯވިޑް-19ގެ އަސަރު ފެންނަން ފަށައިފައިވާކަމަށެވެ. އެ ދިރާސާގެ ނަތީޖާއިން އިޓަލީވިލާތުގައި ބަލި ފެތުރުނު ގޮތް ދެނެގަތުމަށް އެހީތެރިވެދޭނެކަމަށް ލަ ރޮސާ ވިދާޅުވިއެވެ.

ކޯވިޑް-19 އެންމެ ފުރަތަމަ ފެތުރުނު ޗައިނާއިން ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނިފައިވަނީ ޑިސެންބަރު މަހުގެ ފަހު ކޮޅުގައެވެ. މިދިޔަ ޑިސެންބަރު މަހުގެ 27ވަނަ ދުވަހު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހާ ކައިރި ސަރަޙައްދެއްގެ ހަސްފަތާލެއްގައި ނިއުމޯނިއާ ޖެހިގެން ފަރުވާ ހޯދި މީހަކަށް ކޯވިޑް-19 ޖެހިފައިވާކަންވަނީ ޔަޤީންވެފައެވެ. މި އަހަރުގެ ޖެނުއަރީ މަހުގެ މެދު ތެރޭގައި ސްޕެއިނުގެ ބާސެލޯނާގެ ނަރުދަމާ ނިޒާމުން ނެގި ސާންޕަލުންވެސްވަނީ ކޯވިޑް-19ގެ އަސަރު ފެނިފައެވެ. އެއީ ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ސްޕެއިނުން ފެނުމުގެ 40 ދުވަސް ކުރިންނެވެ.