ސިއްހަތު

ތެލަސީމިއާކުދިންނަށް ލޭ އެޅުމުގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްދޭން އެދިއްޖެ


ރާއްޖޭގައި ތެލަސީމިއާ ކުދިންނާއި މީހުންނަށް ޚިދުމަތްދިނުމަށް ޙާއްސަ މޯލްޑިވިއަން ބްލަޑް ސަރވިސް (އެމްބީއެސް) ޚިދުމަތް ލިބޭ ވަގުތު ކުޑަވުމުގެ ކަންބޮޑުވުން ފާޅުކޮށް ޚިދުމަތް ލިބޭ ވަގުތު އިތުރުކޮށްދިނުމަށް އެދިއްޖެއެވެ.

އެކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާ ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ބުނެފައި ވަނީ، ޚިދުމަތް ލިބޭ ވަގުތުކޮޅު ކުޑަވުމާއި ހުކުރު ހޮނިހިރު ދުވަސްވެސް ބަންދުވުމުން ދަތިތަކާއި ކުރިމަތިވާކަމަށެވެ. މިގޮތުން ޑޯނަރުންނަށް ލޭ ދިނުމަށާއި، އަދި ލޭއެޅުމަށްވެސް ދަތިވާކަމަށް ބުނެ ތެލަސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ދަނީ ވަގުތު އިތުރުކޮށްދޭން އެދެމުންނެވެ.

މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އެސޯސިއޭޓް ސްޕެޝަލިސް އިން ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ، އެމްބީއެސް ހުޅުވަން ހެލްތް މިނިސްޓްރީން އަދި ހުއްދަދީފައި ވަނީ 8 ގަޑިއިރަށް ކަމަށެވެ. މިކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި ވާކަމަށާއި، ކުރީގެ ވަގުތުތަކަށް ދެވޭނެކަމަށް ބެލެވެނީ އޮފީސްތައް ހުޅުވާ ވަގުތުތައްވެސް ކުރިއެކޭއެއްގޮތައް ބަދަލުކުރުމުންކަމަށް އުމަރު ފާހަގަކުރެއްވިއެވެ.

"މިނިސްޓްރީން ބުނެފައިނީ 8 ގަޑިއިރަށް ހުޅުވަން. އަޅުގަނޑަށް ހީވަނީ ނޯމަލް ޓައިމިންއަށްދާން މިނިސްޓްރީން ކަނޑައަޅާނީ ރައީސްއޮފީހުން ނޯމަލް ޓައިމިންގ އަށް އޮފީސް ގަޑިތައް ދިޔައީމަ ކަންނޭނގެ." ޑރ. އުމަރު ވިދާޅުވިއެވެ.

ތެލަސީމިއާ ކުދިންނަށް ހުރިދަތިތަކާއި ގުޅޭގޮތުން ތެލަސީމީއާ ކުއްޖެއްކަމުގައިވާ އަބްދުﷲ ޝަނީޒް ބުނީ އެމީހުން ބޭނުންވަނީ އެމްބީއެސް ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުވާންކަމަށެވެ. ވަގުތު މަދުވުމުގެ ސަބަބުން ލޭއަޅާ ކުދިންނަށާއި، ލޭހަދިޔާކުރާ މީހުންނަށްވެސް އެކަމުގެ އުނދަގޫ ކުރިމަތިވަމުންއަންނަކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"އަހަރެމެންނަށް އަންޑަސްޓޭންޑްވޭ މި ކްރައިސިސްއާއި ގުޅިގެން ލޮކްޑައުންގައި ވަގުތު ކުޑަކޮށްފައި އެޕޮއިންޓްމަންޓްސް ސިސްޓަމްއަށް ހިންގުން. އެކަމަކު މިހާރު ލޮކްޑައުން ނިމުނީމަވެސް ޙިދުމަތްދޭ ވަގުތަކަށް ބަދަލެއްނާދޭ." ޝަނީޒް ބުންޏެވެ.

މުޅި ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ނިސްބަތަށް ބަލާއިރު މިހާރުވެސް ގަވައިދުން ލޭ އަޅަންޖެހޭ 600 އަށްވުރެ ގިނަ ކުދިން ރާއްޖޭގައި އެބަތިއްބެވެ. މީގެތެރެއިން 300 އަށްވުރެ ގިނަ ކުދިން ޚިދުމަތް ހޯދަނީ މާލޭގައި ހުންނަ މޯލްޑިވިއަން ބުލަޑް ސަރވިސްއިންނެވެ.

ކޯވިޑް19 ގެ ކުރިން އެމްބީއެސްއިސް ޙިދުމަތްދެމުން އައީ ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 0800 އިން ރޭގަނޑު 0800 ށެވެ. ނަމަވެސް ލޮކްޑައުންގެ ތެރޭގައި އެތަނުގެ ޙިދުމަތްތައް ވަނީ ހަފްތާއަކު 5 ދުވަހު ހެނދުނު 0800 އިން ހަވީރު 1600 އަށް ބަދަލުކޮށްފައެވެ. ލޭއަޅާކުދިންގެ މައިގަނޑު ކަންބޮޑުވުމަކަށް ފާހަގަކޮށްފައި ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދިންނަމަވެސް ޙިދުމަތްދޭ ވަގުތުތައް އިތުރުވެފައި ނުވުމެވެ.