ކޯވިޑް-19ގެ ޢަލާމަތްތަކަކީ ކޮބައިކަން ރާއްޖޭގެ އާބާދީގެ ނުވަދިހަ ހަތަރު އިންސައްތަ މީހުނަށް ރަނގަޅަށް އެނގޭކަމަށް އެމްއެންޔޫއިން ކުރިއަށް ގެންދިޔަ ސަރވޭއަކުން ދައްކައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ ގުޅިގެން ކުރިއަށްގެންދިޔަ މި ސަރވޭއަކީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވި އިޖުތިމާޢީ އިގުތިޞާދީ ޙާލަތު ދެނެގަތުމަށް ކުރިއަށް ގެންގޮސްފައިވާ ސަރވޭއެއްކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.
އެމްއެންޔޫއިން ކުރިއަށްގެންދިޔަ ސަރވޭގެ ފުރަތަމަ ބުރުގެ މަޢުލޫމާތު މިހާރު ހާމަކުރައްވާފައިވާއިރު މިސަރވޭއިން ދައްކާގޮތުގައި ރާއްޖޭގައި ކޯވިޑް-19އާއި ގުޅިގެން މީހުން ހޭލުންތެރިކުރުމަށް ހިނގުނު އެކި ޕްރޮގްރާމުތަކުގެ ސަބަބުން ރާއްޖޭގައި ބައްޔާއި ގުޅޭ މަޢުލޫމާތު ނުވަދިހަ ހަތަރު އިންސައްތަ މީހުނަށް އިނގޭކަމަށް ދައްކައެވެ. އަދި ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުންނަ ނުވަދިހަ އިންސައްތަ މީހުން ތިބިކަމަށް މިސަރވޭއިން ދައްކައެވެ.
މިއީ ގައިން ގަޔަށް އަރާ ބައްޔަކަށްވުމުގެ ސަބަބުން ބައްޔާއި ގުޅޭ މަޢުލޫމާތު ރަނގަޅަށް ލިބިފައިވުމުގެ ސަބަބުން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ފެތުރުން ހުއްޓުވާނެ ގޮތް އާބާދީގެ އަށްޑިހަ ފަސް އިންސައްތައަށް އިނގޭކަމަށް މިސަރވޭއިން ހާމަވެއެވެ. މީގެއިތުރުން ކޯވިޑް-19ގެ ޙާލަތުގައި މަސައްކަތްކުރާ ފަރާތްތަކުގެތެރޭގައި އަދި ވައިރަހުގެ ސަބަބުން ކަރަންޓީންކުރާ މީހުންގެ ތެރެއިން ތިރީސް ހަތްއިންސައްތަ މީހުން އެކަމާ ގުޅޭގޮތުން އޮތް ސްޓިގްމާ ނުވަތަ ލަދުވެތިކަމެއްގެ ގޮތުގައި ދެކޭ ދެކުމާމެދު ޖެހިލުންވާކަމަށްވެސް މިސަރވޭއިން ދައްކައެވެ. އަދި ފުރަބަންދުގައި ގޭގައި ތިބި މިހުންގެ ތެރެއިން ތިރީސްތިން އިންސައްތަ މީހުން ގައިދުރުކަން ނުބޭއްވުމުގެ ހާސްކަމާއި ކަންބޮޑުވުން ތަޙައްމަލުކުރިކަމަށްވެސް މިސަރވޭއިން ދައްކައެވެ.
ނޭޝަނަލް ހެލްތް ރިސަރޗް ކައުންސިލުން އެޕްރޫވްކޮށްފައިވާ މިސަރވޭއަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ޙާލަތު އިތުރަށް ދެނެގަތުމަށް ކުރިއަށްގެންގޮސްފައިވާ ދިރާސާއެކެވެ. މީގެސަބަބުން އިޖުތިމާޢީގޮތުނާއި އިޤުތިޞާދީ ގޮތުން އަދި ނަފްސާނީގޮތުން މިބަލިމަޑުކަމާއި ގުޅިގެން އައިސްފައިވާ ބަދަލުތަކާއި ކުރި އަސަރު ދެނެގަނެވޭނެކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމާއި ރާއްޖޭގެ އެކި މުވައްސަސާތައް ގުޅިގެން ކުރިމަތިލަމުން އަންނައިރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންވެސް އަންނަނީ މިމަސައްކަތުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެޔުނިވަރސިޓީގެ 1200އަށްވުރެ ގިނަ ދަރިވަރުންނާއި 300 އަށްވުރެ ގިނަ ލެކްޗަރާއިން އަންނަނީ ކޯވިޑް-19ގެ މިދަނޑިވަޅުގައި އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ.