ޚަބަރު

އައްޑޫސިޓީގައި އިސްލާާމްވި ޝްރީލަންކާ މީހާ އަށް މަރުޙަބާ ކިޔައިފި


ރާއްޖެ މަސައްކަތަށް އަންނަ ބިދޭސީންނާއި، އެހެނިހެން ކަންކަމަށް އަންނަ ބިދޭސީ ރާއްޖޭގައި އިސްލާމް ދީނަށް ވަންނަމުން ދިއުމަކީ ދިވެހި މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން އިޙުސާސްވެގެން ދާނެ ކަމެކެވެ.

އިއްޔެ އަޑު އިވިގެން ދިޔައީ އައްޑޫގައި ގަރާޖެއްގައި ވަޒީފާ އަދާ ކުރަމުން އަންނަ ލަންކާ ރައްޔިތަކު އިސްލާމްދީން ޤަބޫލު ކުރި ވާހަކައެވެ.

އުމުރުން 51 އަހަރުގެ ލަންކާގެ މިމީހާ އަށް އިސްލާމް ދީން ދަސްކޮށްދިނުމުގައި އެހީތެރިވެދިން އެކަކީ ހިތަދޫ މިސްކިތެއްގެ އިމާމެއް ކަމުގައިވާ މުހައްމަދު ނިޔާޒެވެ. އޭނާ ބުނީ އެމީހާ އާއި ދިމާވީ މިދިޔަ އަހަރު އޭނާގެ ކާރު އެކްސިޑެންޓް ވެގެން ގަރާޖަށް ދިއުމުން ކަމަށެވެ. ފުރަތަމަ ބައްދަލުވުމުން ވެސް އޭނާ އަކީ ހިތްހެޔޮ މީހެއްކަން ފާހަގަ ވެގެން ދިޔަ ކަމަށާއި، އޭނާގެ ހިތުގައި މުސްލިމުންނަށް ޚާއްޞަ ގަދަރެއް ދެވި، އަދި އިސްލާމް ދީނަށް އޭނާ ޝައުގުވެރިކަން ހުރިކަން ފާހަގަވެގެން ދިޔަކަމަށެވެ. އޭގެ ދުވަސްތަކެއް ފަހުން ،އެމީހާ މިސްކިތަށް ދާން ފެށިކަމަށާއި، މިދިޔަ ރޯދަމަހު ރޯދަވެސް ހިފިކަމަށެވެ.

މިމީހާގެ އަސްލު ނަމަކީ ރޯހަން ރާމަސިންހާއެވެ. އިސްލާމް ވުމަށް ފަހު ޙުސައިން ޔޫސުފްއެވެ. މިމީހާ އިސްލާމްވީ ހިތަދޫ މަސްޖިދުއްތަޤްވާގައި ހުކުރު ދުވަހު ހުކުރު ނަމާދަށް ފަހުއެވެ. އޭނާ އަށް ޝަހާދަތުގެ ދެ ކަލިމަ ލައިދެއްވީ އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދެވެ. އޭނާ ޝަހާދަތް ކިއުމާއި އެކު އެވަގުތު މިސްކިތުގައި ތިބި މީހުން އޭނާ އަށް ވަނީ މަރުހަބާ ކިޔާފައެވެ.

އޭނާގެ އާއިލާގެ މީހުންގެ ވެސް އޭނާގެ ނިންމުމަށް ރުހިފައިވާ ކަމަށާއި، އޭނާ އެނބުރި ޤައުމަށް ދިއުމުން އެމީހުން ވެސް އިސްލާމް ވާނެ ކަމަށް އޭނަ ބުނެފައިވާ ކަމަށް ނިޔާޒު ކިޔައިދިނެވެ.