ޚަބަރު

އެޗްއާރުސީއެމްގެ އިމާރާތުގެ ފެންހޮޅިއެއް ފަޅައިގެންގޮސް މަސައްކަތައް ބުރޫއަރައިފި


ހިއުމަން ރައިޓްސް އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ އޮފީސް ހިންގަމުންދާ އިމާރާތުގެ ފެންހޮޅިއެއް ފަޅައިގެން އެ ކޮމިޝަނުގެ އޮފީސް ހިންގާ ފަންގިފިލާގައި ފެންބޮޑުވެ މަސައްކަތައް ބުރޫއަރައިފި އެވެ.

އޮންލައިންކޮށް އެޗްއާރުސީއެމްގެ މަސައްކަތްތައް ކުރަމުން ގެންދަނީ މުވައްޒަފުން ގޭގައި ބައިތިއްބައިގެންނެވެ. މިގޮތަށް މަސައްކަތް ކުރަނީ އޮފީހުގައި ހުންނަ ސިސްޓަމްތަކަށް އެކްސެސްވެގެންނެވެ. އެޗްއާރުސީއެމްގެ އޮފިޝަލަކު ވިދާޅުވީ އެ ކޮމިޝަނުގެ އޮފީސް ހިންގަމުންދާ ފަންގިފިލާގައި ފެންބޮޑުވެފައިވާކަން އެނގުނީ މި ދުވަސްވަރު ގޭގައި ތިބެގެން މުވައްޒަފުން ކުރަމުން އައި މަސައްކަތަކަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވުމުން އޮފީހަށް މުވައްޒަފުގޮސް ބެލުމުންނެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި އިމާރާތަށް ފައިބަމުންދާ ފެނަނީ އެ އިމާރާތުގެ ފާހަނާ ހޮޅިއެއް ފަޅައިގެން ގޮސްގެން ފައިބާ ފެން ކަމަށް ބެލެވިފައި ވާކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެޗްއާރުސީއެމްއިން ކުރި ޓުވީޓެއްގައި ވެސް ވަނީ އޮފީސް ހިންގަމުންދިޔަ ފަންގިފިލާގައި ފެންބޮޑުވެ ކޮމިޝަނުން ދޭން ޖެހޭ ހިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށް ބުނެފައެވެ. އަދި ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައިއެވެ. ހަމަ އެހެންމެ އެ ކޮމިޝަނުން ދޭން ޖެހޭ ޚިދުމަތްތައް ދެމުން ގެންދާނެކަމުގެ ޔަޤީކަން އެ ޓުވީޓުގައި އެ ކޮމިޝަނުން ދީފައިވެއެވެ.