ވިޔަފާރި

ޖަރުމަނުން ރައްކާތެރިކަމަށް ކަނޑައެޅި މަދު މަންޒިލްތަކުގެ ތެރޭގައި ރާއްޖެ


ޖަރުމަންވިލާތުގެ ރައްޔިތުން މިދުވަސްވަރު ދަތުރުކުރުމަށް ރައްކާތެރިކަމަށް ކަނޑައެޅި މަންޒިލްތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ އަހަރަކު ޒިޔާރަތްކުރާ ޖަރުމަންވިލާތުން ވަނީ ކޮރޯނާވައިރަސްގެ ނުރައްކާ އޮތްކަމަށް ޤަބޫލުކުރެވޭ ޤައުމުތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. ޖަރުމަންވިލާތުން އެކުލަވާލި ކޮރޯނާވައިރަސްގެ ނުރައްކާ އޮތް ޤައުމުތަކުގެ ލިސްޓުގައި 130 ޤައުމަކާއި ސަރަޙައްދެއް އެބައޮތެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ރާއްޖެއަކީ ޖަރުމަނުން ކޮރޯނާގެ ނުރައްކާ އޮތްކަމަށް ކަނޑައެޅި ލިސްޓުގައި ނުހިމެނޭ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމަށެވެ. އަދި މިސަރަޙައްދުން މިލިސްޓުގައި ހިމެނިފައިނުވާ ހަމައެކަނި ޤައުމަކީވެސް ރާއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަރުމަންވިލާތުން އެކުލަވާލި ކޮރޯނާވައިރަސްގެ ނުރައްކާ އޮތްކަމަށް ޤަބޫލުކުރެވޭ ޤައުމުތަކުގެ ލިސްޓުގައި މިސަރަޙައްދުގައި ހިމެނޭ ސްރީލަންކާ، އިންޑިއާ، ނޭޕާލް، ބޫޓާން އަދި ޕާކިސްތާންވެސް ހިމެނެއެވެ. މީގެ އިތުރުން ތައިލެންޑް، މިސްރު، މޮރޮކޯ އަދި ތުރުކީއަކީވެސް ޖަރުމަނުން ރައްކާތެރި ނޫންކަމަށް ކަނޑައެޅި މަންޒިލްތަކެވެ.

ކޯވިޑް19ގެ ނުރައްކާ އޮތްކަމަށް ޖަރުމަނުން ކަނޑައެޅި ލިސްޓުގައި ހިމެނޭ ޤައުމުތަކުން ޖަރުމަނަށް އަންނަ މީހުން ކަރަންޓީންކުރުމަށް ވަނީ އުސޫލުތަކެއްވެސް އެކުލަވާލާފައެވެ.

އަންނަމަހު ފަތުރުވެރިން އަލުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއަކީ ރާއްކާތެރި ތަނެއްކަމަށް ޖަރުމަނުން ކަނޑައެޅުމަކީ އެމަސައްކަތަށް ލިބިގެންދާނޭ ބޮޑު ކުރިއެރުމެއްކަމަށް ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.