ސިއްހަތު

ވިލިމާލެ ސިއްހީ މަރުކަޒު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށްފި


ވިލިމާލެ ސިއްހީ މަރުކަޒު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.މި ހޮސްޕިޓަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.ވިލިމާލެ ސިއްހި މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުވެގެން ދިއުމާއިއެކު އެތަނުގައި ކުދި އަދި ބޮޑެތި އޮޕަރޭޝަންތަކާއި، ސްކޭންކުރުމާއި، އެކްސްރޭގެ ޚިދުމަތާއި، އަލްޓްރާ ސައުންޑް އަދި ލެބޯރަޓަރީގެ ޚިދުމަތުގެ އިތުރުން އެހެނިހެން ޚިދުމަތްތައްވެސް ވަނީ ތައާރަފްކޮށްފައެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ، ޓާޝަރީ ފެންވަރުގައި ހުޅުވުނު މި ހޮސްޕިޓަލްގެ ދެންއޮތް މަރުހަލާއަކީ އައިޖީއެމް ހޮސްޕިޓަލާއި އެއްފެންވަރުގެ ތަނަކަށް މިހޮސްޕިޓަލް ހެދުންކަމަށެވެ. އަދި  އެމަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށާއި، މިއަހަރުގެ ތެރޭގައި ކިޑްނީގެ ބަލިތަކުގެ މީހުންނަށް ބޭނުންވާ ޑަޔަލިސިސްގެ ޚިދުމަތް ވިލިމާލެ ހޮސްޕިޓަލުގައި ތައާރަފްކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.މީގެ އިތުރުން އައިޖީއެމް ހޮސްޕިޓަލްގެ ފެންވަރު ރަގަނޅުކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިހާރު އެ ހޮސްޕިޓަލަށް އަންނަމުންދާ ބަދަލުތަކަކީ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ބަދަލުތަކެއްކަމަށެވެ. އަދި މި ބަދަލުތަކާއި އެކު އައިޖީއެމް ހޮސްޕިޓަލާއި ގުޅިގެން އަންނަ ޝަކުވާތައްވެސް މަދުވެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.މީގެ އިތުރުން ޓާޝަރީ ހޮސްޕިޓަލަކަށް އެންމެ މުހިންމު ކަމަކީ ޑައިގްނޯސްޓިކް ޚިދުމަތް ފުރިހަމަވެފައި ހުރުންކަމަށާއި، އެޚިދުމަތް އަންނަ އަހަރު ތައާރަފްކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.ސުޕަރ ސުޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް މިހާރު އަތޮޅުތަކަށް ތައާރަފް ކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް 3200 މީހުންނަށް އެ ޚިދުމަތް ދިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް ޓެލެމެޑިސިންގެ ޚިދުމަތްވެސް ފައްޓަވާނެކަމަށާއި، މިއަހަރު ނިމުމުގެ ކުރިން މާލެ އާއި ވިލިމާލެއާއި ދެމެދު ސީ އެމްބިއުލޯންޗްގެ ޚިދުމަތްވެސް ފައްޓަވާނެކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލަކީ ރައީސް ޔާމިން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅެއްކަމަށެވެ.ވިލިމާލެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ދައުލަގެ ބަޖެޓުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ވިލިމާލޭގައި 14 ހާސް މީހުން ދިރިއުޅެމުންދާއިރު ހޮސްޕިޓަލްގެ ޚިދުމަތް ދޭންފެށުމަކީ ވިލިމާލޭގެ ރައްޔިތުންނަށް މާލެ ނައިސް ޚިދުމަތް ހޯދުމަށް އެތަށްގުނައެއް ފަސޭހަވެގެންދާނެކަމަށެވެ.ވިލިމާލޭގައި ހެލްތު ސެންޓަރެއް އެންމެފުރަތަމަ ގާއިމްކޮށްފައިވަނީ 1994 އަހަރުގައެވެ.