ޚަބަރު

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދުކޮށްފި


އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 8،600އަށް މަދުކޮށްފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އަފްޣާނިސްތާނަށް ޞުލްޙަ ގެނައުމަށް ޠާލިބާނާއި އެމެރިކާއާ ދެމެދު މިދިޔަ ފެބްރުއަރީ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެމެރިކާ ސިފައިންނާއި ގުޅިފައިވާ އަސްކަރީ އިއްތިޙާދުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެއްބަސްވުމުގައިވާގޮތުން އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ އަސްކަރީ ފައުޖުތައް ވަކި މުއްދަތެއްގެ ތެރޭގައި އެޤައުމުން ފައިބާނެއެވެ. އަދި އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކަށް ބިރުދެއްކުމަށް އަފްޣާނިސްތާނު ބޭނުން ނުކުރުމަށް އަލްޤައިދާ ހިމެނޭގޮތަށް ހަނގުރާމަވެރި ޖަމާޢަތްތަކުންވަނީ އެއްބަސްވެފައެވެ.

އެމެރިކާއިން ބުނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ޤައުމުން ޢަމަލުކޮށްފައިވާކަމަށާއި އެ އެއްބަސްވުމުގައިވާގޮތަށް އަންނަ އަހަރުގެ މެއި މަހުގެ ކުރިން ހުރިހާ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެކަމަށެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރެވޭނީ ޠާލިބާނުންގެ ޢަމަލުތައް ބަހައްޓާގޮތެއްގެ މަތިންކަމަށް އެމެރިކާއިން ބުނެއެވެ.

2001ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާގެ ދަޢުރަކީ ދާޚިލީ ހަމަނުޖެހުން ކަށަވަރުކުރުންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕްވަނީ ވިދާޅުވެފައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން އަނބުރާ ޤައުމަށް ގެނައުމަކީ ޓްރަންޕުގެ ރިޔާސީ ވަޢުދެކެވެ.