މުނިފޫހިފިލުވުން

ހޮލީވުޑް : ޕްރޮޑަކްޝަންގެ މަސައްކަތް ފެށުމަށް ތައްޔާރުވާ 6 ފިލްމެއް


ކޯވިޑް-19އާއި ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގައި އިޢުލާން ކޮށްފައިވާ ފުރަބަންދުގެ ސަބަބުން ފިލްމް އިންޑަސްޓްރީގެ މަސައްކަތްތައްވެސް ހުއްޓުމަކަށް އައެވެ.

ހޮލީވުޑް އަދި ބޮލީވުޑަށް ބަލާލިނަމަވެސް މިވީ ދެތިން މަހެއްގެ ތެރޭގައި ރިލީޒްކޮށްފައިވާ އައު ފިލްމްތަކުގެ ޢަދަދު ވަރަށް މަދެވެ. ފުރަބަންދުގެ ސަބަބުން ގޭގައި ހޭދަކުރާ ވަގުތު އިތުރުވެ، ކުރިން ރިލީޒްކުރިނަމަވެސް. ނުބެލި ހުރި ގިނަ ފިލްމްތަކަކާއި، ކުރިން ބަލާފައިހުރި ފިލްމްތައްވެސް އަލުން ބަލާލުމުގެ ފުރުޞަތު ގިނަ ބަޔަކަށް ލިބިގެންދިޔައެވެ. ނަމަވެސް އަލަށް ފިލްމެއް ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުންވެސް މަދެއްނޫނެވެ.

ނަމަވެސް ހާސްނުވާށެވެ. ގިނަ ޤައުމުތަކަކުން ފުރަބަންދަށް ލުއިތައް ދޭން ފެށުމާގުޅިގެން ޕްރޮޑަކްޝަން މަސައްކަތްތައް ހުއްޓިފައިހުރި ގިނަ ފިލްމްތަކެއްގެ މަސައްކަތް އަލުން ފަށައިގަތުމަށް މިވަނީ ތައްޔާރުވާން ފަށާފައެވެ. މީގެ ތެރޭގައި ބްލޮކްބަސްޓަރ ފިލްމްތަކަށް ވާނެކަމަށް ކުރިންވެސް ބެލެވިފައިވާ ފިލްމްތައްވެސް ހިމެނެއެވެ. މި ފިލްމްތަކުގެ ޕްރޮޑަކްޝަންގެ މަސައްކަތްތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ޢިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާވެސް އެކުގައެވެ. މިގޮތުން ހޮލީވުޑްގެ ފިލްމްތަކުގެ ތެރެއިން އަލުން ޕްރޮޑަކްޝަން މަސައްކަތްތައް ފަށާފައިވާ ނުވަތަ ފެށުމަށް ތައްޔާރުވަމުންދާ 6 ފިލްމަކަށް މި ރިޕޯޓުގައި ކުރު ގޮތަކަށް ބަލާލާނަމެވެ.

"އެވެޓަރ-2"


2009 ވަނަ އަހަރު ރިލީޒްކުރި ސައިންސް ފިކްޝަން ފިލްމް "އެވެޓަރ" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިގެންދިޔަ ފިލްމެކެވެ.

މި ފިލްމްވަނީ ބޮކްސް އޮފީހުގައި އެންމެ ބޮޑު ޢާމްދަނީއެއް ލިބުނު ފިލްމުގެ ރިކޯޑް 10 އަހަރުވަންދެން ދަމަހަށްޓާފައެވެ. މި ފިލްމުގެ ދެވަނަ ބައެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ފަރާތްތަކަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. "އެވެޓަރ-2" ޝޫޓްކުރުމުގެ މަސައްކަތް ނިމުނު ހަފްތާގައި ނިއުޒިލޭންޑުގައި ވަނީ ފަށާފައެވެ. މި ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތް އަލުން ފަށާފައިވަނީ ނިއުޒިލޭންޑުގައި ކޯވިޑް-19 ފެތުރުން އެއްކޮށް ކޮންޓްރޯލްވެފައިވާކަމަށް އެ ޤައުމުން އިޢުލާން ކުރުމުންނެވެ.

މި ފިލްމުގެ ޕްރޮޑިއުސަރ ޖޯން ލެންޑައު ބުނީ މި ފިލްމާއެކު 100 އެއްހާ ވަޒީފާގެ ފުރުޞަތު އެކި ފަރާތްތަކަށްލިބި، މިލިއަނެއްހާ ޑޮލަރު ނިއުޒިލޭންޑުގެ އިޤްތިޞާދުގެ ތެރެއަށް ވަދެގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. ޖޯން ވަނީ ނިއުޒިލޭންޑްގެ ވެލިންގްޓަންގައި ހުންނަ ސްޓޯން ސްޓްރީޓް ސްޓޫޑިއޯގައި އެވެޓަރ-2 ގެ ޝޫޓިން ފަށާފައިވާކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައެވެ.

އެވެޓަރ ސީކުއަލްގެ ދަށުން ޖުމްލަ 5 ފިލްމެއް ނެރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން މި ފިލްމްގުގެ ދެވަނަ ބަޔަށް ދީފައިވަނީ "އެވެޓަރ ދަ ވޭ އޮފް ވޯޓަރ" ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މިއީ އަދި ޔަޤީން ނަމެއްނޫނެވެ. މިފަހަރުގެ ފިލްމަށް ހޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ ވިން ޑީސެލްއާއި ކޭޓް ވިންސްލެޓް ގުޅޭނެއެވެ.

"އެވެޓަރ-2" އުފެއްދުމަށް ހަމަޖެހިފައިވަނީ ސްޓޭންޑްއެލޯން ފީޗަރއެއްގެ ގޮތުގައެވެ. މާނައަކީ ކުރީގެ ފިލްމް ބަލާފައިނުވާ ފަރާތްތަކަށްވެސް މިފަހަރުގެ ފިލްމު ބެލިޔަސް ވާނުވާ ނޭންގި ތިބެން ނުޖެހުމެވެ. ފިލްމުގެ ދެވަނަ ބައިގެ ވާހަކަ ބޮޑަށް ފޯކަސްކޮށްފައިވަނީ މެއިން ދެ ކެރެކްޓަރކަމަށްވާ ޖޭކް ސޫލީއާއި ނޭޓިރީގެ ދަރިންނަށެވެ. މި ފިލްމް މިހާރު ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

2009 ވަނަ އަހަރު ރިލީޒްކުރި "އެވެޓަރ" ވަނީ 2.78 ބިލިއަން ޑޮލަރުގެ ޢާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދާފައެވެ.

"ޖުރެސިކް ވޯލްޑް - ޑޮމީނިއަން"


"ޖުރެސިކް ޕާކް" ފިލްމް ސީރީޒަކީވެސް ގިނަ ބައެއްގެ ސަމާލުކަން ދަމައިގެން މަޤްބޫލު ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ 5 ފިލްމެއް މިހާތަނަށް ނެރެފައިވާއިރު، 6 ވަނަ ބައިކަމަށްވާ "ޖުރެސިކް ވޯލްޑް - ޑޮމީނިއަން"ގެ ޕްރޮޑަކްޝަން މަސައްކަތްތައް އަންނަމަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފެށުމަށް މިހާރުދަނީ ތައްޔާރުވަމުންނެވެ. ފިލްމްގެ މަސައްކަތްތައް ކުރާނީ ފިލްމްތަކުގެ ސެޓްތަކުގައި ފުރިހަމަކުރަންޖެހޭނެކަމަށް ބުނާ ސޭފްޓީ ޕްރޮޓޮކޯލްސްއާއެކުއެވެ.

މި ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަގޮތުގައި ފިލްމަށް ޚަރަދުވާ ފައިސާއަށް ބެލުމަށްވުރެ ބޮޑަށް އެމީހުން އިސްކަންދޭނީ ކްރޫންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އެގޮތުން ކްރޫންގެ ސޭފްޓީ ޕްލޭނަށް ގާތްގަނޑަކަށް 5 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ބެލެވެއެވެ. މީގެ ތެރޭގައި އޮން-ސައިޓް ޑޮކްޓަރުން ބޭތިއްބުމަށާއި، ފިލްމް ޝޫޓްކުރުމަށް ހަމަޖެހިފައިވާ ލަންޑަންގައި ހުންނަ ޕައިންވުޑް ސްޓޫޑިއޯގައި 150 ހޭންޑް ސެނިޓައިޒަރ ސްޓޭޝަން ޤާއިމުކުރުމަށްދާނެ ޚަރަދު ހިމެނެއެވެ.

ފިލްމުގެ ލީޑް ކާސްޓްކަމަށްވާ ކްރިސް ޕްރެޓްއާއި ބްރައިސް ޑަލާސް ހޯވަޑް ކުޑަ ދުވަސްކޮޅެއްގެ ތެރޭގަައި ލަންޑަނަށްދާނެކަމަށް ބެލެވެއެވެ. އަދި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް މި 2 ތަރިން ފުރިހަމަކުރާނެެއެވެ. މި މުއްދަތުގެ ތެރޭގައި އައު ފިލްމުގެ ކޮންސެޕްޓް ނަގައިގަނެ، ކެރެކްޓަރތަކުގެ މައިގަނޑު ރޯލު ދަސްކުރުމަށް ފުރުޞަތު ލިބޭނެއެވެ.

"ޖުރެސިކް ވޯލްޑް - ޑޮމީނިއަން" އަކީ މި ފްރެންޗައިޒްގެ އެންމެފަހު ފިލްމެވެ. މި ފިލްމް ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ 2021 ގެ ޖޫންމަހުގެ ތެރޭގައެވެ.

ލަވަކިޔުންތެރިޔާ "އެލްވިސް"ގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޯޕިކް


އެމެރިކާގެ ލަވަކިޔުންތެރިއެއްކަމަށްވާ އެލްވިސް އާރޮން ޕްރެސްލޭއަކީ 20 ވަނަ ގަރުނުގައި އުފެދުނު އެންމެ އައިކޯނިކް އެއް އާޓިސްޓެވެ. އެލްވިސް އާއްމުންގެ މެދުގައި ބޮޑަށް މަޤުބޫލުވެގެންދިޔައީ "ކިންގް އޮފް ރޮކް އެންޑް ރޯލް" ނުވަތަ "ކިންގް"ގެ ގޮތުގައެވެ.

އެލްވިސްގެ އަމިއްލަ ދިރިއުޅުމުގައާއި އޭނާގެ މިއުޒިކީ ކެރިއަރުގައި ހިނގާފައިވާ މުހިއްމު ކަންތައްތަކުގެ މައްޗަށް ތައްޔާރުކުރާ ބަޔޯޕިކްއަށް އަދި ވަކި ނަމެއް ދީފައެއް ނުވެއެވެ. މި ފިލްމުގައި އެލްވިސްގެ ރޯލުން ފެނިގެންދާނީ އެމެރިކާގެ ޒުވާން އެކްޓަރ އަދި ލަވަކިޔުންތެރިޔާ އޮސްޓިން ބަޓްލާއެވެ.

ބަޒް ލުހްރްމަން ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން ފަށާފައިވަނިކޮށް، ފިލްމުގައި އެލްވިސްގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަބައެއްގެ ސަމާލުކަން ހޯދި މެނޭޖަރ ކޮލޮނަލް ޓޮމް ޕާކަރގެ ރޯލުން ފެނިގެންދާ ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުން ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ފިލްމްގެ މަސައްކަތްތައް ވަނީ ހުއްޓާލާފައެވެ. ނަމަވެސް ޓޮމް ހޭންކްސްއާއި އޭނާގެ އަންހެނުން މިހާރު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށްދަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑުގައެވެ. އެ ސްޓޭޓްގެ ހެޑް އޮފް ގަވަރމަންޓް ނުވަތަ ޕްރިމިއަރ އެނެސްޓޭޝިއާ ޕަލަޝޭ ވިދާޅުވީ އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓް ސަރަޙައްދުގައި ޞިއްޙީގޮތުން ފުރިހަމަ ކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަައް ވަރުގަދަ ކުރެވުނުހާ އަވަހަކަށް ފިލްމްތައް ޝޫޓްކުރުމުގެ ހުއްދަ ދެވޭނެކަމަށެވެ.

އެލްވިސްގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމް ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

"މިޝަން އިމްޕޮސިބަލް-7"


އެކްޝަން ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި "މިޝަން އިމްޕޮސިބަލް"އަކީ ބޮަޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ ދަށުން މިހާތަނަށް 6 ފިލްމެއް އުފަައްދާފައިވާއިރު މި 6 ފިލްމްވެސް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު ޢާމްދަނީއެއް ހޯދާފައެވެ.

ޓޮމް ކްރޫޒް ލީޑް ރޯލުން ފެނިގެންދާ "މިޝަން އިމްބޮސިބަލް-7"ގެ ޝޫޓިން އިޓަލީގައި ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ފަހުކޮޅެވެ. ނަމަވެސް އިޓަލީގައި ކޯވިޑް-19 ކޮންޓްރޯލްނުކުރެވި، ހަލުވިކަމާއެކު ފެތުރެން ފެށުމުން ޝޫޓިންގގެ މަސައްކަތްތައް ހުއްޓާލާ ފިލްމުގެ ކްރޫވަނީ އެނބުރި އިނގިރޭސިވިލާތަށް ގޮސްފައެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެެ މެމްބަރަކާއި ޙަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން، އިނގިރޭސިވިލާތުން ބޭރުގައި ޝޫޓްކުރަންޖެހޭ މަންޒަރުތައް ނެގުމަށްޓަކާ ސެޕްޓެމްބަރުމަހުގެ ތެރޭގައި ޕްލޭންކޮށްފައިވާ ހުރިހާ ޤައުމުތަކަށް ދިއުމަށް އެ ޓީމުންދަނީ މަސައްކަތް ކުރަމުންނެވެ.

މި ފިލްމުވެސް ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.

"ދަ ލިޓްލް މާމެއިޑް"


ދެން މިއޮތީ ކުޑަކުދިންނާއި ޒުވާނުންވެސް އެ ފިލްމެއް ބަލާލުމަށް އެންމެ އިންތިޒާރުކުރާ އެއް ފިލްމުކަމަށްވާ "ދަ ލިޓްލް މާމެއިޑް"ގެ ވާހަކައެވެ. މިއީ 1989 ވަނަ އަހަރު ޑިޒްނީން ރިލީޒްކުރި ކާމިޔާބު ކްލެސިކް އެނިމޭޓެޑް ކާޓޫން "ދަ ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމެކެވެ.

މި ފިލްމު ހަދަން އުޅޭކަން ޑިޒްނީން ހާމަކުރި ހިސާބުންވެސް ގިނަ ބަޔަކު ތިބީ ކާޓޫންގެ ލީޑް ކެރެކްޓަރކަމަށްވާ "އޭރިއަލް"ގެ ރޯލުން ފެނިގެންދާނީ ކޮން މޫނެއްތޯ ބަލާލުމަށް ކެތްމަދުވެފައެވެ. އެގޮތުން ލައިވް އެކްޝަން ފިލްމުގެ އޭރިއަލްގެ ރޯލުން ފެނިގެންދާނީ 2006 ވަނަ އަހަރު ރިލީޒްކުރި "ދަ ލާސްޓް ހޮލިޑޭ"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހޭލީ ބެއިލީއެވެ. އަދި ކާޓޫންގައި އީވެލް ކެރެކްޓަރއެއްގެ ގޮތުގައި ފެނިގެންދާ "އުރްސުލަ"ގެ ރޯލުން ފެނިގެންދާނީ މަޝްހޫރު އެކްޓްރެސް އަދި ކޮމޭޑިއަން މެލިސަ މެކްކާރްތީއެވެ.

ފިލްމުގެ ޝޫޓިން މިދިޔަ މާރޗުމަހުގައި ލަންޑަނުގައި ފެށުމަށް ތައްޔާރުވިނަމަވެސް، ޝޫޓިން ފެށެން ހަފްތާއަކަށްވެފައިވަނިކޮށް ކޯވިޑް-19ގެ ސަބަބުން ޕްރޮޑަކްޝަން ޓީމަށްޖެހުނީ ޝޫޓިންގެ މަސައްކަތްތައް މެދުކަނޑާލާށެވެ. ނަމަވެސް އަލުން ޝޫޓިންގގެ މަސައްކަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ފިލްމުގެ ޝޫޓިންގ ފެށުމަށް ތައްޔާރުވަމުންދާތީވެ ހޭލީ ހުރީ ވަރަށް އުފަލުންނެވެ. އަދި ޝޫޓިންގގެ ވާހަކަތައް ދެކެވެންފެށި ހިސާބުން ފެށިގެންވެސް އޭނާ ހުރީ ވަރަށް ކެތްމަދުވެފައިކަމަށް ހޭލީ ބުނެފައިވެއެވެ.

ފަހަކަށް އައިސް ޑިޒްނީން ދަނީ އެމީހުންގެ ކްލެސިކް ކާޓޫންތަކުގެ ލައިވް އެކްޝަން ފިލްމުތައްވެސް ރިލީޒްކުރަމުންނެވެ. އަދި އެ ފިލްމްތައް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއްވެސް ހޯދާފައެވެ. މީގެ ތެރޭގައި "އެލިސް އިން ދަ ވޮންޑަލޭންޑް"، "ސިންދްރެއްލާ"، "ދަ ޖަންގަލް ބުކް"، "މެލެފިސެންޓް"، "ބިއުޓީ އެންޑް ދަ ބީސްޓް"، "އަލާއްދީން" އަދި "ދަ ލަޔަން ކިންގް" ފަދަ ފިލްމްތައް ހިމެނެއެވެ.

"ދަ ލިޓްލް މާމެއިޑް"ގެ އެނިމޭޓެޑް ފިލްމް ރިލީޒްކުރާނެ ތާރީޚު ޑިޒްނީން އަދި ހާމަކޮށްފައިނުވި ނަމަވެސް، މި ފިލްމް ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ މިއަންނަ އަހަރުގެ ނޮބެމްބަރު ނުވަތަ ޑިސެމްބަރުމަހުގެ ތެރޭގައެވެ.

"ދަ ބެޓްމޭން"


ޑީސީ ފިލްމްސްގެ "ބެޓްމޭން"އަކީވެސް ސުޕަރ ހީރޯ ފިލްމްތަކަށް ލޯބިކުރާ މީހުންގެ މެދުގައި މަޤްބޫލު ފިލްމެކެވެ. ބެޓްމޭންގެ ރޯލުން ކުރިން ފެނިގެންދިޔަ ބެން އެފްލިކްސްގެ ބަދަލުގައި މިފަހަރުގެ ފިލްމުން ބެޓްމޭންގެ ގޮތުގައި ފެނިގެންދާނީ "ޓްވައިލައިޓް" ވާހަކައިގެ މައްޗަށް ބިނާކޮށް ހެދި ފިލްމްތަކުން ބޮޑު މަޤުބޫލުކަމެއް ހޯދި ރޮބާޓް ޕެޓިންސަންއެވެ.

"ދަ ބެޓްމޭން"ގެ ޝޫޓިންގ ސޮކޮޓްލޭންޑްގެ މަޝްހޫރު ޕޯޓް ސިޓީއެއްކަމަށްވާ ގްލަސްގޯގައި ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގަައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން މަސައްކަތް ކުރިއަށްގެންދެވޭ ގޮތްނުވެގެން ވަނީ ހުއްޓާލާފައެވެ. ފިލްމުގެ މަސައްކަތް މިހާ ދިގު މުއްދަތަކަށް މެދުކެނޑިގެން ދިޔަނަމަވެސް އެކަން ރޮބާޓް ސިފަކޮށްފައިވަނީ އެއީ ބެޓްމޭންގެ ކެރެކްޓާއަށް ފިޓްވުމަށް އޭނާއަށް ލިބުން އިތުރު ފުރުޞަތެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ދަނީ ހަށިގަނޑު އިތުރަށް ތައްޔާރުކުރުމަށް ބޭނުންވާ ފިޓްނެސް ޓްރެއިނިންގތައް ފުރިހަމަކުރަމުންނެވެ.

2021 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ރިލީޒްކުރާނެކަމަށް ބެލެވޭ މި ފިލްމުގައި ބެޓްމޭންގެ ލޯބިވެރިއެއްކަމަށްވާ ކެޓްވުމަންގެ ރޯލުން ފެނިގެންދާނީ އެމެރިކާގެ އެކްޓްރެސް އަދި ލަވަކިޔުންތެރިޔާ ޒޯއީ ކްރެވިޓްޒްއެވެ.