ސިއްހަތު

އެޕޮޓެކްސް ކޯރޕުން އުފައްދާ މެޓްފޯރމިން ޓެބްލެޓް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފި


އެޕޮޓެކްސް ކޯރޕުން އުފައްދާ މެޓްފޯރމިންގެ 500 މިލިގްރާމްގެ ޓެބްލެޓް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.

އެޕޮޓެކްސް ކޯރޕަކީ ކެނެޑާގެ މަޝްހޫރު ފާމަސޫޓިކަލް ކުންފިންޏެކެވެ. އެކުންފުނިން އުފައްދާ މެޓްފޯރމިން ހައިޑްރޯކްލޮރައިޑް ބޭހަކީ ހަކުރު ކޮންޓްރޯލްކުރުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭސް އާއްމުކޮށް ބޭނުންކުރަނީ ޑައިޕް-2 ޑައިބެޓީސް ހުންނަ ޕޭޝަންޓުންނެވެ.

ރާއްޖޭގައި އެޕޮޓެކްސް ކޯރޕުން އުފައްދާ މެޓްފޯރމިން އެކްސްޓެންޑެޑް ރިލީސް ޓެބްލެޓްގެ 500 މިލިގްރާމް ބޭސް ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފައިވަނީ އެ ބޭހުގައި އެކި ވައްތަރުގެ ކެންސަރުޖެހުމަށް މަގުފަހިކުރާ މާއްދާއެއްކަމަށްވާ "ނައިޓްރޯސޯޑިމެތިލެމިން" އެކުލެވޭކަމަަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދާދިފަހުން ހެދި ދިރާސާއަކާގުޅިގެން އެ ބޭސް ބޭނުންނުކުރުމަށް އެލާރޓް ނެރެފައިވާތީއެވެ. އެ އޮތޯރިޓީން މިކަން ހާމަކުރުމާ ގުޅިގެން އެޕޮޓެކްސް ކޯރޕުން ވަނީ މި ބޭސް މާރކެޓުގައި ވިއްކުންވެސް މިހާރު ހުއްޓާލާފައެވެ.

އެޕޮޓެކްސް ކޯރޕުން އުފައްދާ މެޓްފޯރމިންއަކީ ރާއްޖެއަށް އިމްޕޯރޓްކުރުމާއި، ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގަައި ނުވަތަ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ބޭހެއް ނޫނެވެ. ނަމަވެސް، ބޭސް ސިޓީއަށް، އަމިއްލަ ބޭނުމަކަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް ބޭސް އެތެރެކޮށްފައި  ހުރެދާނެތީ މިކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ އަންގަވާފައެވެ. އަދި އެއްވެސް ބޭނުމަކަށް އެ ކުންފުނިން އުފައްދާ މި ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކާ، ބޭނުން ނުކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގަވާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، ޕޯޓް އޮފް އެންޓްރީ ތަކުގައި ރާއްޖެ އެތެރެކުރާ ބޭސް ކުރިއެކޭވެސް އެއްފަދައިން، ބަލާ ފާސްކުރަމުންދާނެކަމަށެވެ. އަދި މި ބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން 7200321 އަށް ގުޅުއްވާ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.