ސިއްހަތު

ކުރިން ސިޒޭރިއަން ހަދާފައިވާ މާބަނޑު މީހަކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ވިއްސައިފި


ކުރިން ސިޒޭރިއަން ހަދާފައިވާ މާބަނޑު މީހަކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކާމިޔާބު ކަމާއެކު ވިއްސައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، މިއީ ކުރިން ސިޒޭރިއަން ހަދާފައިވާ މާބަނޑު މީހަކު ކާމިޔާބު ކަމާއެކު އެ ހޮސްޕިޓަލުން ވިއްސި ފުރަތަމަ ފަހަރުކަމަށެވެ. މި އަންހެން މީހާ ވިހާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

"ވެޖައިނަލް ބާތު އާފްޓަރ ސިޒޭރިއަން" ވީ.ބީ.އޭ.ސީ ނުވަތަ ކުރިން ސީޒޭރިއަން ހަދާފައިވާ މީހަކު ވިއްސުމަކީ ގިނަ ފަހަރު އެކަމުގެ ސަބަބުން އިތުރު ކޮމްޕްލިކޭޝަންތަކެއް ނުވަތަ ޞިއްޙީގޮތުން ނުރައްކާތަކެއް މައިމީހާއަށާއި ދަރިފުޅަށްވެސް ކުރިމަތިވާކަމެކެވެ. ނަމަވެސް ބައެއް ކަހަލަ ޙާއްސަ ހުނަރުތައް ބޭނުންކޮށްގެން ކުރާ މިފަދަ އޮޕަރޭޝަންތައް ކާމިޔާބުވެފައިވެސް އެބަހުއްޓެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އަންހެނުންގެ ޑޮކްޓަރާއި، ތަމްރީން ލިބިފައިވާ ފޫޅުމައިންގެ ޓީމަކުން ވިއްސި މި މީހާއާއި އޭނަގެ ކުޑަ ދަރިފުޅުގެ ޙާލުވެސް ރަނގަޅުކަމަށް އެ ހޮސްޕިޓަލުން ޕީ.އެސް.އެމް ނިއުސްއަށް ވަނީ މަޢުލޫމާތުދީފައެވެ.

ސީޒޭރިއަން ނުހަދައި ވިހެއުމަކީ ގިނަ ދުވަހު ބަލިއެނދުގައި އޮންނަން ނުޖެހި، އަވަހަށް ޢާއްމު ޙާލަތަކަށް ދިއުމަށް މައިމީހާއަށް އެހީތެރިވެދޭކަމެކެވެ. ނަމަވެސް ސީޒޭރިން ހަދަނީ މައިމީހާއާއި ދަރިފުޅަށް ނުރައްކަލެއް ދިމާވެދާނެކަމަށް ޑޮކްޓަރުންނަށް ފާހަގަކުރެވުމުންނެވެ.

ކުރިން ސިޒޭރިއަން ހަދާފައިވާ މީހަކު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ވިއްސާފައިވާއިރު، އަލަށް ހުޅުވި މި ހޮސްޕިޓަލުން އަންނަނީ ތަފާތު އޮޕަރޭޝަންތަައް ކާމިޔާބުކަމާއެކު ކުރަމުންނެވެ. އެގޮތުން މި މަހުގެ 11 ވަނަ ދުވަހު އެ ހޮސްޕިޓަލުން ވަނީ 43 އަހަރުގެ މީހެއްގެ ރަހިމުގައި އުފެދިފައިވާ އެކިވަރުގެ 8 މަސްކޮޅު އޮޕަރޭޝަން ކޮށްގެން ކާމިޔާބުކަމާއެކު ނަގާފައެވެ.