ޚަބަރު

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލުން މައުލޫމާތު ހޯދައިލިބިގަތުމަށް އަސަރުކުރޭ - ޓްރާންސްޕޭރަންސީ


ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރުއޮތް "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" މިހާރުއޮތްގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކުރާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފިއެވެ.

މިކަން މީޑިއާގެ ސަމާލުކަން ގެނެސް ޓްރާންސްޕޭރަންސީ މޯލްޑިވްސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލިހަށް ހުށަހަޅާފައިވާ "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" އަކީ ޖުމްލަގޮތެއްގައި ރަނގަޅަށް ފަރުމާކޮށްފައިވާ ބިލެއްކަން ފާހަގަކުރެވޭ ކަމަށެވެ.

ނަމަވެސް، އެބިލުގެ 41 ވަނަ މާއްދާގައިމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކުރާކަމަށް އެޖަމިއްޔާއިން ދެކޭކަމަށް ހާމަކޮފައިވާއިރު، އެ މާއްދާގެ (ހ) ގައި ބުނެފައިވަނީ "މިގާނޫނުގައި އެހެން ގޮތަކަށް ބަޔާންކށްފައިނުވާހާ ހިނދަކު، ވަކި ގާނޫނެއްގައި ވަކި ކަމެއް ކުރުމަށް މުއްދަތެއް ނުވަތަ ތާރީހެއް ކަނޑައެޅިފައިވާ ހާލަތުގައި، އަދި އެޤާނޫނެއްގައި ބަޔާންކުރާ މުއްދަތު ނުވަތަ ތާރީހު ދިމާވަނީ، މިގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތާ ކަމުގައިވާނަމަ، އެކަންކުރުމަށް އެގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަށް ނުވަތަ ތާރީހަށް އަމަލުކުރަން، މިގާނޫނަށް އަމަލުކުރަން ފެށުމާއެކު މެދުކެނޑުނީއެވެ." މިގޮތަށެވެ.

އެޖަމިއްޔާއިން ބުނީ އެމާއްދާގެ އެއް ނަތީޖާއަކީ މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން ވަކި މުއްދަތެއްގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭންޖެހޭ ޖެހުން އާންމު ސިއްހަތުގެ ނުރައްކާ އިއުލާނުކުރެވިފައިވާ މުއްދަތުގައާއި އެހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހާ ހަމައަށް މެދުކެނޑުންކަމަށެވެ. އަދި އެހެންވުމުން މައުލޫމާތު ހޯދާލިބިގަތުމުގެ ހައްގު މިމުއްދަތުގައި ދިވެހިރާއްޖޭގައި ހުއްޓި ރައްޔިތުންގެ މިހައްގަށް ބޮޑެތި އަސަރުކުރާނެތީ އެކަމާ ކަންބޮޑުވާކަމަށެވެ.

އަދި ދައުލަތުގެ މުވައްޒަފުން މަދު ވަގުތުކޮޅެއްގައި ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރަންޖެހުނު ނަމަވެސް، އާއްމުންނަށް މައުލޫމާތު ފޯރުކޮށްނުދެވޭނެ ހާލަތަކަށް ދިޔައީ ކަމަކަށް ނުބެލެވޭނެކަމަށް އެޖަމިއްޔާއިން ޤަބޫލުކުރާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިންވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކޯވިޑް19 އާއި ގުޅިގެން މިހާރު މިއޮތް ހާލަތުގައިވެސް، މައުލޫމާތު އެއްކޮށް އެމައުލޫމާތު އާއްމުންނަށް ފޯރުކޮށްދެވެންވާނެކަމަށާއި ކޯވިޑް-19 އާ ސީދާ ގުޅުންހުރި މަސައްކަތްތައް ކުރަމުންދާ ނުވަތަ ޒަރޫރީ ހިދުމަތްތައް ދެމުންދާ ދައުލަތުގެ އިދާރާތައް މިވަގުތުވެސް ތިބޭނީ އެއިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދެވޭނެ ހާލަތެއްގައި ކަމަށް ގަބޫލޫކުރެވޭކަމަށްވެސް އެފަރާތުން މައުލޫމާތުދެއްވިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ 21 ދުވަހުގެ ތެރޭގައި، ދައުލަތުގެ މުވައްޒިފަކަށް އެމައުލޫމާތު ދޭންދަތިވެއްޖެނަމަ، މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެ ގާނޫނުގެ ދަށުން އިތުރު 14 ދުވަސް އެ ފަރާތަކަށް ނެގުމުގެ ފުރުސަތުވެސް ލިއްބައިދީފަވާތީ ވަކި މުއްދަތެއްގައި ކުރުން ލާޒިމުކުރާ ހުރިހާކަމެއް ހިމެނޭހެން އެކަންކަން ފަސްކުރަން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020ގައި އޮތުން މުހިއްމުކަމަކަށް ނުފެންނަކަމަށްވެސް ޓްރާންސްޕޭރަންސީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ފަރާތުން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ގެ މިހާރުކުރިއަށްދަނީ އިބްތިދާއީ ބަހުސްގެ މަރުހަލާއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށާއި، ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކުގައި
ބަޔާންކުރާ އިޖުރާއަތުތަކަށް މިހާރުން މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް، ވަގުތީ ޤާނޫނަކުން ކަނޑައެޅުމަށް ހުށައަޅާފައިވާ ބިލެކެވެ.