ޚަބަރު

1530 ފްލެޓު މަޝްރޫޢުގެ ފުރަތަމަ ޢިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލައިފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1530 ފްލެޓް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުގެދަށުން އިމާރާތްކުރާ ފުރަތަމަ ފްލެޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ސޯޝަލް ހައުސިންގް ޕްރޮޖެކްޓްގެ ދަށުން އަޅާ މި ޕްލެޓްތައް ތަރައްޤީކުރަނީ، ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އިންނެވެ.

ޗައިނާ ޑިވެލޮޕްމެންޓް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރި ފުރަތަމަ ފްލެޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމުނުކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖެންގް ލި ޖޮންގް ވަނީ ހާމަކުރައްވާފައެވެ. މިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓެއްގައި ސަފީރު ޖެންގް ލިޖޮންގް ވަނީ މި މަޝްރޫޢުގެ މަސައްކަތް ވަގުތަށް ނިންމައިދިނުމަށް މަސައްކަތްކޮށްދިނުމަށް ސީއެމްސީ ކުންފުނީގައި އެދިފައެވެ. އަދި މި މަޝްރޫޢުއަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް މުހިންމު މަޝްރޫޢެއްކަންވެސް ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ޗައިނާ ސަފީރު ކުރެއްވި ޓުވީޓް

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން، ސީއެމްއީސީ އަކީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7000 ފްލެޓުގެ މަސައްކަތްވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

ރާއްޖޭގައި އަދި ވަކިން ޚާއްސަކޮށް ގްރޭޓަރ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އިއުލާންކުރައްވާފައެވެ. އެގޮތުން މިއަހަރުގެ މާރޗްމަހު "ފަހި ދިރިއުޅުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކުރާ 1700 ހައުސިންގ ޔުނިޓްގެ ބިންގާ ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 15 އަދި 16 ފަންގިފިލާގެ 11 ޓަވަރެވެ.