ޚަބަރު

ފެން ބިލްގެ ދަރަނި އަދާކުރުމަށް އެހީތެރިވާ ޕްރޮގްރާމް އެމްޑަބްލިއުއެސްސީން އަލުން ފަށައިފި


ފެންބިލްގެ ދަރަނި އަދާކުރުމަށް ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ކުރިޔަށް ގެންދާ "ދަރަންޏަށް ލުޔެއް" ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފިއެވެ.

"ދަރަންޏަށް ލުޔެއް" ޕްރޮގްރާމަކީ އެމްޑަބްލިއުއެސީގެ ބައެއް ކަސްޓަމަރުންނަށް ބިލް ދެއްކުމުގައި ދިމާވެފައިވާ ދަތިތަކަށް ލުއެއް ދިނުމަށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަށާފައިވާ ޕްރޮގްރާމެކެވެ. އެމްޑަބްލިއުއެސީއިން ބުނީ ކޯވިޑް-19ގެ ސަބަބުން މި ފުރުސަތުގެ ބޭނުން ގިނަ ކަސްޓަމަރުންނަށް ނުހިފޭތީ އެ ކުންފުނިން ވަނީ މި ޕްރޮގްރާމް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި މިކަމާއި ގުޅިގެން ފެންބިލުގެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުން ތަހައްމަލު ކުރަން ޖެހިފައިވާ ދަތިކަމަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ދަރަންޏަށް ލުޔެއް ޕްރޮގްރާމް 2021، މާޗް 17ގެ ނިޔަލަށް އިތުރު ކުރުމަށް ނިންމާފައިވާކަމަށެވެ. އެހެންކަމުން 2021، މާޗް 17ގެ ކުރިން ފެން ބިލަށް ދައްކާ ފައިސާގެ އިންސައްތައިގެ ނިސްބަތުން ޖޫރިމަނާ މައާފް ކުރެވޭނެ ކަމަށް އެމްޑަބްލިއެސްސީން ބުނެއެވެ.

މީގެ އިތުރުން ފެން ބިލަށް ދައްކަން ޖެހޭ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް މަހުންމަހަށް ބަހާލައިގެން ލުއި ފަސޭހަ ގޮތެއްގައި ފައިސާ ދައްކާ ހަލާސް ކޮށްގެން ވެސް ޖޫރިމަނާ މާފު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން މައުލޫމާތުދެއެވެ.

އެ ކުންފުނިން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސް ކުރުމުން ލިބޭނެ ކަމަށެވެ.

މި ހެޔޮ ބަދަލާއެކު ލިބުނު ފުރުސަތުގެ ބޭނުންކޮށް، ދައްކަން ޖެހޭ ފައިސާއާ މެދު ގޮތެއް ނިންމުމަށްފަހު ދަރަނި ހަލާސް ކުރުމަށް އެމްޑަބްލިއުއެސީއިން އިލްތިމާސް ކުރެއެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުންނާއި ވީހާވެސް ގާތުން ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އަބަދުވެސް އެ ކުންފުނީގެ އަމާޒެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކަސްޓަމަރުންގެ ފަރާތުން މަހުން މަހަށް ފެން ބިލަށް ފައިސާ ދެއްކުމަކީ އެކުންފުނިން ބާރު އަޅާ ކަމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.