ވިޔަފާރި

ހިއްސާއަކަށް 2 ރުފިޔާ ބަހަން އެމްޓީސީސީގެ ބޯޑުން ނިންމައިފި


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީގެ ހިއްސާއަކަށް 2 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ނިންމައިފިއެވެ.

އިއްޔެ ބޭއްވި އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ވަނީ 2019 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ 5 ރުފިޔާގެ ހިއްސާއަކަށް 2 ރުފިޔާ ބަހާގޮތަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ނިންމާފައެވެ.

2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހެއް އެ ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ ތާރީހާއި ހަމައަށް ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ. މީގެއިތުރުން އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް މި ޖަލްސާގައި ވަނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 53 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރާއި އަޅާބަލާއިރު 310.54 އިންސައްތައިގެ އިތުރުވުމެކެވެ.