ޚަބަރު

ޖުލައި 1ގައި މާވަރުލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތަށް ފަށަނީ


އަންނަ ޖުލައިމަހުގެ 1ވަނަ ދުވަހު ގދ މާވަރުލު އެއާޕޯޓަށް ޝެޑިއުލް ދަތުރުތަށް ފަށުމަށް ތައްޔާރުވެފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވެއްޖެއެވެ.

މުޅިން އަލަށް ޚިދުމަތްފަށާ މި އެއަރޕޯޓްގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ބާއްވާފައި ވަނީ މިއަހަރުގެ މާރިޗުމަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި ވާތީ، މިހާތަނަށް ވަނީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ނުފަށައެވެ.

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްއިން ވިދާޅުވެފައި ވަނީ ދަތުރުތައް ޖުލައި އެއްވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މިހާރު މިކަމަށް އެއާޕޯޓް ތައްޔާރުވެފައިވާކަމަށާއި، ބޭނުންވާ މުވައްޒަފުން ނަގައި އޮޕަރޭޝަން ފެށުމަށް ތައްޔާރަށްއޮތް ކަމަށެވެ.

މާވަރުލު އެއަރޕޯޓް ތަރައްޤީކޮށްފައި ވަނީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެންނެވެ. 1200 މީޓަރު ދިގު ރަންވޭއަކާއި، ޓެކްސީވޭ އަދި ފްލަޓް ޕަރކިންގ އޭރިއާ އާއި ޓާމިނަލް ހެދުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ އާއި ހަވާލުކޮށް 57 މިލިއަން ރުފިޔާއަށެވެ.


މާވަރުލު އެއަރޕޯޓް ހިންގާނީ ރީޖަނަލް އެއަރޕޯޓްސްގެ ބެލުމުގެ ދަށުންނެވެ. ރީޖަނަލް އެއަރޕޯޓްސްއިން ވިދާޅުވީ، ޖުލައި މަހު ދަތުރުތައް ފަށާނީ މޯލްޑިވިއަންގެ ދަތުރުތަކުން ކަމަށެވެ. އެ ކުންފުނިން ވިދާޅުވީ ދަތުރުތަކުގެ ޝެޑިއުލްތައް ވަރަށް އަވަހަށް އާއްމުކުރާނެ ކަމަށެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ވަނީ އެހެން އެއަރލައިންތަކުންވެސް މާވާރުލަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ގދ.މާވަރުލު އެއަރޕޯޓަކީ، ތަރައްޤީކުރަން 2011ވަނަ އަހަރުން ފެށިގެން، އެކި ސަރުކާރުތަކުން މަސައްކަތްކުރި އެއަރޕޯޓެކެވެ. ނަމަވެސް 2011ގައި އެ މަސައްކަތް ކުންފުންޏަކާއި ހަވާލުކުރިނަމަވެސް، އެ އެއްބަސްވުން ފަހުން ވަނީ އުވާލާފައެވެ. އެއަރޕޯޓްގެ މަސައްކަތް އަލުން ފަށާފައި ވަނީ 2018ވަނަ އަހަރުގެ މެދުތެރޭގައެވެ. އެއަރޕޯޓްގެ މަސައްކަތް މުޅިން ނިންމާލާފައި ވަނީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.