ޚަބަރު

މަންދުކޮލެޖް އެއްބަސްވުން އުވާލި ގޮތް ގޯސް، ބަދަލު ހޯދަން ދެވިދާނެ: ހައިކޯޓު


މަންދު ކޮލެޖް ހިންގުމަށް މާލޭ އިންގްލިޝް ސްކޫލް ހުރި ޢިމާރާތް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުން އެމިނިސްޓްރީން އުވާލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ހައިކޯޓުން ނިންމަވައިފިއެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖް އަތުން ނަގާފައިވަނީ އެއްބަސްވުމާއި ޚިލާފަށްކަމަށް ބުނެ އެ މައްސަލަ އެ ކޮލެޖުން ވަނީ ސިވިލްކޯޓަށް ހުށައަޅާފައެވެ. އެ މައްސަލާގައި އެ ކޯޓުން ނިންމާފައިވަނީ އިމާރާތް ސަރުކާރަށް ނަގާފައިވަނީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމާ ޚިލާފަށް ނޫންކަން ސާބިތުވާކަމަށެވެ.

ދަށުކޯޓުގެ މިނިންމުން ބާތިލުކޮށް ހައިކޯޓުން ކުރި ހުކުމްގައި ވަނީ އެ އެއްބަސްވުން އުވާލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމުގެ މާއްދާއަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ޝަރީއަތައް ސާބިތުވާ ކަމަށެވެ.

އެހެންވެ މި އެއްބަސްވުން އުވާލުމުގެ ސަބަބުން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމަށް ހުކުމުގައި ފާހަގަ ކުރައްވާފައިވެއެވެ. މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ހޯދުމަށް އެދިފައިވާ ޤާނޫނީ ވަކީލުގެ ޚަރަދު ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އަދި ނަގައިދެވެން ނެތްކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކުރެއްވި ހުކުމުގައިވެއެވެ.

އެމްއީއެސް ހުރި ޢިމާރާތުގައި ޕްރައިވެޓް އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށްޓަކައި އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ދެމެދު 28 ޑިސެމްބަރު 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ސްކޫލުގެ އޭރުގެ މަސްއޫލުވެރިންނަށް ލިބިފައިވާ ޙައްޤުތަކާއި އިލްތިޒާމްތައް 6 އެޕްރީލް 2010 ގައި މަންދުކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އޮތީ ބަދަލުކޮށްފައެވެ.

މަންދުކޮލެޖް ހިންގަމުންދަނިކޮށް އިއްޒުއްދީން މިހާރު ހިންގަމުންދާ އިމާރާތް އެޑިއުކޭޝަނުން ބަންދުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުއެވެ.