މުނިފޫހިފިލުވުން

ބަޖާޖުގެ ރޯލުން ކަރަން ފެނިދާނެކަމާމެދު އަނެއްކާވެސް ސުވާލު އުފެދިއްޖެ


މަޝްހޫރު ޑައިރެކްޓަރ އެކްތާ ކަޕޫރުގެ ޓީވީ ސީރީޒް "ކަސޯޓީ ޒިންދަގީ ކޭ"ގެ މުހިއްމު ކެރެކްޓާއެއްކަމަށްވާ މިސްޓަރ ބަޖާޖުގެ ރޯލުން ފެނިގެންދާ ކަރަން ސިންގ ގްރޯވަރު، އެ ރޯލު ދޫކޮށްލާފައިވާކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުގައި ވާގޮތުން، ކޯވިޑް-19ގެ ސަބަބުން ކަސޯޓީގެ މަސައްކަތްތައްވެސް މަޑުޖެހިފައި އޮތުމަށްފަހު، ސީރީޒްގެ ޝޫޓިންގ މިމަހުގެ 26 ގައި އަލުން ފެށުމަށް އެކްތާއާއި އޭނާގެ ޓީމުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެހެންނަމަވެސް ޝޫޓިންގތައް އަލުން ފަށާއިރު، ޝޫޓިންގތަކުގައި ބައިވެރިނުވާން ކަރަން ވަނީ ނިންމާފައެވެ. އަދި އޭނާ މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމާއެކު އަމިއްލަ ދިރިއުޅުމަށް އިތުރަށް ފޯކަސް ކުރަން ބޭނުންވާތީކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާގުޅިގެން އެކްތާއާއި ކަސޯޓީގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ ކަރަންއާއެކު މަޝްވަރާކުރަމުންނެވެ. އަދި ބަޖާޖުގެ ރޯލަށް އެނބުރި އައުމަަށް ކަރަންއަށް ވިސްނައިދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބަޖާޖުގެ ރޯލު އިތުރަށް ކުޅުމުގެ ޝައުގެއް ކަރަންގެ ނެތްކަމަށް ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ކަރަންގެ މި ނިންމުމާއެކު އޭނާ މި ޑްރާމާ ސީރީޒުން ފެނިދާނެކަމާމެދު އަނެއްކާވެސް މިވަނީ ސުވާލު އުފެދިފައެވެ.

މީގެ ކުރިންވެސް ކަރަން ވަނީ ބަޖާޖުގެ ރޯލުން ބްރޭކެއް ނަގާފައެވެ. އެފަހަރުވެސް އޭނާގެ ވިސްނުމަކަށްވީ ސީރީޒް ދޫކޮށްލުމެވެ.

ސަބަބެއްކަމަށް ކަރަން ބުނެފައިވަނީ ކަސޯޓީއަކީ އަނޫރާގާއި ޕްރޭނާގެ ލޯބީގެ ވާހަކައެއްކަމަށާއި، މުޅި ސިރީޒްގެ ފޯކަސް އެ ދެ ކެރެކްޓާއަށް އޮތުމަކީ އެއީ ބެލުންތެރިންވެސް ބޭނުންވާގޮތްކަމަށެވެ. އަދި އޭނާގެ ކެރެކްޓަރއަކީ އެހާ އިސްކަމެއްދެވޭ އަދި އެންމެ ބޭނުންވާގޮތަށް ކުރިއަށްދާ ކެރެކްޓަރއެއްކަމަށް ޤަބޫލު ނުކުރެވޭކަމަަށްވެސް އޭރު ކަރަން ބުނެފައިވެއެވެ. އޭނާ މި ސީރީޒުން ބްރޭކް ނަގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެކްތާ ވަނީ ކަރަންއަށް ކޮންވިންސްކޮށްދީގެން މިއަހަރުގެ ކުރީކޮޅު ބަޖާޖު އަލުން ކަސޯޓީއަށް އަނބުރާ ގެނެސްފައެވެ.

ބަޖާޖުގެ ރޯލު ދޫކޮށްލުމާމެދު ކަރަން ވިސްނަމުންދާއިރު، ދެވަނަ ސީޒަންގައި ކޮމަލިކާގެ ރޯލް ކުޅެމުންދިޔަ ހީނާ ޚާން ބޮލީވުޑަށް ތަޢާރަފުވާން ބޭނުންވާތީ އޭނާވެސް ވަނީ އެ ރޯލު ދޫކޮށްލާފައެވެ. ކޮމަލިކާގެ ރޯލަށް ފަހުން ގެނެސްފައިވަނީ 2003 ވަނަ އަހަރު ސްޓަރޕްލަސް އިން ގެނެސްދިން "ކަހީ ތޯ ހޯގާ"ގައި ކަޝިޝްގެ ރޯލުން ބެލުންތެރިގެ ބޮޑު މަޤުބޫލުކަމެއް ހޯދި އަމްނާ ޝަރީފެވެ.

ކަސޯޓީގެ ދެވަނަ ސީޒަންގެ ޝޫޓިންގތައް މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް އެކްތާއާއި އޭނާގެ ޓީމުން ތައްޔާރުވަމުންދާއިރު، އެކްތާގެ އިތުރު 2 ޑްރާމާ ސީރީޒެއްކަމަށްވާ "ނާގިން-4" އަދި "ކުމްކުމް ބާގްޔާ"ގެ ޝޫޓިންގތައްވެސް މި ތާރީޚުގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.