ވިޔަފާރި

ބިދޭސީންނަށް ފުރުސަތު ނުދީ، ދިވެހި ޒުވާނުން މަހަށް ނިކުންނަންޖެހޭ


މަސް ދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރުމަށް ފުރުސަތު ނުދީ، ދިވެހި ޒުވާނުން މަސް ދޯނިފަހަރުގައި މަސައްކަތްކުރުމަށް ނިކުތުމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ އެދިވަޑައިގެންފިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި ވެބިނަރއެއްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ މަސްވެރިކަމަކީ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހުރި ދާއިރާއެއް ކަމަށެވެ. އެހެންނަމަވެސް މިހާރު ބިދޭސީން މަސް ދޯނި ފަހަރުގައި މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

" އަޅުގަނޑުކައިރީ ދިވެހި މަސްވެރިއެއް ބުނި، އެ ދޯނީގައި ދިވެހި 3 މީހުން ފިޔަވާ ދެން މަސައްކަތްކުރަނީ ހުސް ބިދޭސީން ކަމަށް، މިއީ ނައްތާލަންވީ ސަގާފަތެއް" އިސްމާއިލް ފައުޒީ ވިދާޅުވިއެވެ.

ޒުވާނުން މަސްވެރިކަމުގެ ސިނާއަތަށް ނިކުންނަން ޖެހޭ ކަމަށާއި، މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއެއްކަން ފާހަގަކުރެއްވާ ދެކުނުގެ އަތޮޅުތަކުގައި ޒުވާނުން މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާކަމާއި ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް ޒުވާނުން މި ދާއިރާގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މަސްވެރިކަމުގައި 15000 ދިވެހިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެތެރެއިން 9000 މީހުންނަކީ ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ފަރާތްތައް ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ޢިބުރާހިން ނަސީދު

ތިއީކޮން މެހެންވެސް ދިވެހިޒުވާނުންް އިސްނަގަންވި މަސައްކަތެއް އަދި ސަރުކާރުންވެސް ޒުވާނުންނަށް މި ފުރުސަތު ތަނަވަސްކޮއްދޭންއެބަޖެހޭ މިބުނީ މަސްވެރިންނަށްވެސް ތިކިޔާ ސުކީމުތަކެއްވެސްލިބި މަސްވެރިޔާ ބާރުވެރިކުރުވަން އެބަޖެހޭ