ވިޔަފާރި

މީރާގެ ހުރިހާ ފީތަކެއް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖައްސަނީ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ އަށް ބަލައިގަންނަ ހުރިހާ ފައިސާއެއް އޮންލައިން ސިސްޓަމްގެ ތެރެއިން ބަލައިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އެއިދާރާއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް، ރެވެނިއު ސާވިސަސް، އަހުމަދު ޝަރީފް ވިދާޅުވީ މިހާރުވެސް މީރާގެ ހުރިހާ ޓެކުހަކާއި، ގިނަ ފީތަކެއް އޮންލައިންކޮށް ދެއްކޭނެކަމަށެވެ. ނަމަވެސް ނުދެއްކޭ ބައެއް ފީތައްވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ އޮންލައިންކޮށް ދެއްކެން ހުރި ފީތަކުގެ އިތުރުންވެސް މީރާއަށް ބަލައިގަންނަ ހުރިހާ ފައިސާއެއް އޮންލައިން ސިސްޓަމް، އަޅުގަނޑުމެންގެ ވާރު ޕޭ ގެ ތެރެއިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް. ވަރަށް އަވަހަށް މީރާއަށް ދައްކާ ހުރިހާ ފައިސާއެއް، ޓެކްސްޕޭޔަރ ސެންޓަރަށް އަންނަ ނުޖެހި އޮންލައިންކޮށް ދައްކާލުމުގެ އިންތިޒާމް ފަހިވެގެން ދާނެ" ޝަރީފް ވިދާޅުވިއެވެ.

މީރާގެ ވެބްސައިޓް އަދި ވާރު ޕޭ މެދުވެރިކޮށް ހުރިހާ ޓެކުހަކަށް ފައިސާ ދެއްކޭއިރު، ކުންފުނި އަހަރީ ފީ، އޮޑި ދޯނި ފަހަރުގެ ފީ، ވިސާ ފީ، ވެހިކަލް ފީ، މުދަލު ޒަކާތުގެ ފައިސާ ދެއްކެއެވެ. ނަމަވެސް މާރުކޭޓު ގޮޅި އަދި އެހެން ކުދި ބައެއް ފީތައް އޮންލައިންކޮށް އަދި ނުދެއްކެއެވެ. މީރާއިން އޮންލައިންކޮށް ބަޔާންތައްވެސް ދަނީ ބަލައިގަންނަމުންނެވެ.

ޝަރީފް ވިދާޅުވީ ފުރަބަންދުގެ ލުއިތަކާއި އެކު މިއަންނަ ޖުލައި 5ވަނަ ދުވަހު މާލެ، ހުޅުމާލެ، އަދި 15 އަތޮޅެއްގެ އޮފީސްތައް ހުޅުވާ ކައުންޓަރުތަކުން ހިދުމަތްތައް ދޭން ފަށާނެކަމަށެވެ. ނަމަވެސް ހިދުމަތްދޭ ތަންތަން ހުޅުވިޔަސް، އޮންލައިންކޮށް މީރާ ކަނެކްޓް، މީރާ ވެބްސައިޓް، މީރާ ގެ ވާރު ޕޭ މެދުވެރިކޮށް ލިބެން ހުރި ހިދުމަތްތައް އިހްތިޔާރުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ޝަރީފް ވިދާޅުވީ މިއަންނަ މަހު މީރާގެ އޮފީސްތައް ހުޅުވާއިރު، އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތްވާގޮތުގެ މަތިން ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާފައި ހުންނާނެކަމަށެވެ. މިގޮތުން ގައިދުރުކަން ކަށަވަރު ކުރުމަށް މީރާގެ ހިދުމަތްދޭ ސެންޓަރުތަކުގައި އެކި ފިޔަވަޅުތައް އަޅާފައި ހުންނާނެ ކަމަށެވެ. މީރާއިން ވަނީ މީރާގެ ޓެކްސްޕޭޔަރ ހިދުމަތްދޭ ތަންތަނަށް މިއަންނަ މަހުން ފެށިގެން ހިދުމަތް ހޯދަން އަންނަ އާންމު ފަރާތްތައް މާސްކް އެޅުމާއި، އެހެން ފިޔަވަޅުތައް އަޅަން ނަސޭހަތްތެރިވެފައެވެ.