ވިޔަފާރި

މަސްވެރިން ބާނާ ހުރިހާ މަހެއް ދަނީ ގަންނަމުން- އެންސިސް


މިހާލަތުގައިވެސް މަސްވެރިން ބާނާ ހުރިހާ މަހެއް ދަނީ ގަންނަމުން ކަމަށާއި މަސްވެރިން މަހަށް ނިކުތުން މުޙިއްމުކަމަށް އެންސިސް ފިޝަރީޒްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ވަސީމް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި " ނިއުފައުންޑް ޕޮޒިބިލިޓީސް ފޮރ ދަ ފިޝިންގް އިންޑަސްޓްރީ" ވެބިނަރގައި ވާހަކަދައްކަވަމުން ވަސީމް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރި އަސަރު ކުޑަކަމަށެވެ. އެގޮތުން މިވީ މުއްދަތުގައިވެސް މަސްވެރިން ދިޔައީ މަހަށް ނިކުމެ މަސްވެރިކަން ކުރަމުންކަން ވަސީމް ފާހަގަކުރެއްވިއެވެ.

މަސްވެރިން ބާނާ ހުރިހާ މަހެއް ގަންނަމުންދާ ކަމަށާއި މަހަށް ރަނގަޅު އަގެއްވެސް ދެމުންދާކަމަށް ވަސީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ބޭރު ޤައުމުތަކަށް މަސް އެކްސްޕޯޓުކުރުމަށް ހުރި ދަތިތަކަށްވެސް ހައްލެއް ލިބިގެންދާނެކަމަށް ޤަބޫލްކުރާކަމަށް ވަސީމް ވިދާޅުވިއެވެ.

" މުސްތަޤްބަލް ފެންނަނީ ވަރަށް އުޖާލާކޮށް، އެއަރޕޯޓްތައް ހުޅިވިގެން ދިޔުމުން، މިދިޔަ ދުވަސްތައް އަބުރާ ގެނެވޭނެ،" ވަސީމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތްވެސް ހުއްޓިފައިވާއިރު، އެހެން ދާއިރާތަކަށްވެސް ވަނީ އަސަރުކޮށްފައި ކަމަށާއި މިދުވަސްކޮޅު ކުރިއަށްގެންދެވެން އޮތީ މަސްވެރިކަމުގެ ސިނާއަތްކަމަށްވުމުން، މަސްވެރިން މަހަށް ނިކުތުމަށް ވަސީލް ގޮވާލެއްވިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި "ނިއުފައުންޑް ޕޮޒިބިލިޓީސް ފޮރ ދަ ފިޝިންގް އިންޑަސްޓްރީ" ވެބިނަރގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މައި ކުންފުނިތަކުން ވަނީ ބައިވެރިވެފައިވެއެވެ.