ވިޔަފާރި

މަހަށް ރަނގަޅު އަގެއް ލިބޭނީ ބާނާ ހުރިހާ މަހެއް ރާއްޖޭގައި ޕްރޮސެސްކޮށްގެން- މިފްކޯ


ރާއްޖޭގައި ބާނާ މަހަށް ރަނގަޅު އަގެއް ލިބެން އޮތީ މަސް އެކްސްޕޯޓުކުރުމުގެ ކުރިން ރާއްޖޭގައި މަސް ޕްރޮސެސްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިގެންކަމަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި " ނިއުފައުންޑް ޕޮޒިބިލިޓީސް ފޮރ ދަ ފިޝިންގް އިންޑަސްޓްރީ" ވެބިނަރގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި ޕްރޮސެސްކުރެވޭނެ ކެޕޭސިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފެލިވަރުގެ އަދި ކޫއްޑޫގެ ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތައް ކުރުމަށް ރާވާފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

" ފެލިވަރުގެ ކެޕޭސިޓީ 80 ޓަނަށް އިތުރުކޮށް، ކަލެކްޝަން 4000 ޓަނަށް އަދި މަސްގަންނަ ކެޕޭސިޓީވެސް އިތުރުކުރަން ޖެހޭ، އެހެންވީމަ ބުރީތިން ކެޕޭސިޓީވެސް ފެލިވަރުގައި ޤާއިމްކުރުމަށް ރާވާފައިވަނީ،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ފާހަގަކުރެއްވި ގޮތުގައި ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރު ފާއިތުވީ އަހަރުތަކުގައި އިތުރުކޮށްފައި ނުވާކަމަށެވެ. އަދި މިހާރު ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރުވެސް 6000 ޓަނަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ރާއްޖެއިން ބެންކޮކަށް ރޯމަސް އެކްސްޕޯޓު ކުރުން ހުއްޓާލާ، ރާއްޖޭގައި މަސް ޕްރޮސެސްކުރުމުން ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށެވެ.

" މިހާރު ރާއްޖެއިން ތައިލޭންޑަށް އެކްސްޕޯޓުކޮށްފަ، އެޤައުމުގައި މަސް ޕްރޮސެސްކުރުމަށްފަހު ޔޫރަޕް މާރކެޓުގަ ވާދަކުރަންޖެހުނީމަ ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި" ފައުޒީ ވިދާޅުވިއެވެ.

ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ފެލިވަރު 240 ޓަނާއި ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޫއްޑޫގައި މަސް ރައްކާކުރުމުގެ ޤާބިލްކަން މިހާރު ހުރީ 2000 ޓަނުގައެވެ.