ތިމާވެށި

"ނަލަ ނަލަ ވެށި" ހަރަކާތުގެ ތެރެއިން 330 ކުއްޖެއްގެ ހިތްގައިމު މަސައްކަތް


"ނަލަ ނަލަ ވެށި" ހަރަކާތުގައި 330 ކުދިން ބައިވެރިވެއްޖެއެއެވެ.

މި ހަރަކާތަކީ ތިމާވެށްޓާމެދު ކުޑަކުދިން މިހާރަށްވުރެ ބޮޑަށް އަހުލުވެރިކުރުވާ، އެކުދިންގެ ހިތްތަކުގައި ތިމާވެށްޓަށް އޮންނަ ލޯބި އިތުރުކުރުމުގެގޮތުން ޤައުމީ ކުތުބުޚާނާގެ ދަށުން ހިންގާ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެގޮތުން މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ފޭސްބުކް ޕޭޖުގައެވެ.

ތިމާވެށީގެ ދުވަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ތިމާވެށްޓާއި ގުޅުންހުރި މުހިއްމު މެސެޖެއް ދޭހަވާ ކުރެހުމެއް ނުވަތަ، އެއްޗެއް ހެދުމަށްފަހު އެ ކުރެހުމެއް ނުވަތަ އެ އެއްޗެއްގެ ފޮޓޯ ނަގާ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ފޭސްބުކް ޕޭޖަށް ސަބްމިޓްކުރުމުގެ ފުރުޞަތު ދީފައިވެއެވެ. މިމަހުގެ 6 އިން 13 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި 330 ކުއްޖަކު ބައިވެރިވެފައިވާއިރު، އެ ހުރިހާ ކުދިންގެ ކުރެހުންތަކާއި އުފެއްދުންތަކުގެ ފޮޓޯތައް ފޭސްބުކް ޕޭޖަށް ވަނީ އަޕްލޯޑްކޮށްފައެވެ.

ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މި ހަރަކާތުގައި ބައިވެރިވި ކުދިން ވަނީ އެކުދިންގެ ހުނަރާއި އުފެއްދުންތެރިކަން ދައްކާލާފައެވެ.

އެގޮތުން ބައެއް ކުދިން ވަނީ ތިމާވެށްޓާ ގުޅުން ހުރި ތަފާތު ޝިއާރުތައް ބޭނުންކޮށްގެން އެކި ކަހަލަ ކުރެހުތަކުން މުހިއްމު މެސެޖުތަކެއް ދީފައެވެ. އަދި އަނެއްބައި ކުދިންވަނީ ކުނީގެ ގޮތުގައި އުކާލެވޭ ބައެއްތަކެތި ބޭނުންކޮށްގެން ގޭތެރޭގައި ބޭނުންކުރެވިދާނެ އެކި ސާމާނު ހެދުމަށްފަހު ފޮޓޯ ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރެވިދާނެ ސާމާނާއި، ހިތްގައިމު ކްރާފްޓް މަސައްކަތްތަކެއް ބައެއް ކުދިން ވަނީ ދައްކާލާފައެވެ. އެކުދިންގެ މި މަސައްކަތްތަކަށް ގިނަ ބަޔަކު ތަޢުރީފުކޮށް އަންނަނީ ކޮމެންޓްކުރަމުންނެވެ.

"ނަލަ ނަލަ ވެށި" ހަރަކާތުގައި ބައިވެރިވި ކުދިންގެ ހިތްގައިމު އަދި ޝަޢުގުވެރި މަސައްކަތްތައް ބަލާލަން ބޭނުންނަމަ ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށްލައްވާށެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް އދ.ން ފާހަގަކުރާތާ 46 އަހަރުވެފައިވާއިރު މިދުވަހަކީ ވެއްޓާމެދު މީހުންގެ މެދުގައި ވިސްނާ ފިކުރުކުރުމަށް ބާރުއެޅުމަށް ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންދާ ދުވަހެކެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރެއްގެ ގޮތުން އދ.ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމް ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް، ޔުނެޕް އިން ކަނޑައަޅާފައިވަނީ "ޓައިމް ފޯ ނޭޗާ"އެވެ.

މިޝިޢާރުން ދޭހަކޮށްދެނީ މިވަގުތަކީ ޤުދުރަތީ މާހައުލުގެ ވަގުތުކަމަށާއި، ޤުދުރަތީ މާހައުލާއި އެމާހައުލުގެ މުހިންމުކަމާއި ބޭނުންތެރިކަމާމެދު ވިސްނާ ޤުދުރަތީ މާހައުލަށް އިސްކަމާއި އަހައްމިއްޔަތުކަން ދޭންވީ ވަގުތުކަން ކަމަށް ޔުނެޕުން ވިދާޅުވެއެވެ.