ޚަބަރު

ހަނގުރާމަވެރިންގެ އަމާޒަކަށް އަފްޣާނިސްތާނުގެ ޞިއްޙީ ނިޒާމު


އަފްޣާނިސްތާނުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ޙަމަލާ ދިނުން އިތުރުވެފައިވާތީ އެތައް މިލިއަން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތެއްކަމަށްވާ ރެޑް ކުރޮސުން ބުނެފިއެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑު ކުރޮސް، އައިސީއާރުސީން ނެރުނު ބަޔާނެއްގައި ބުނީ އަފްޣާނިސްތާނުގައި ޢާންމުން މަރުވާ ޢަދަދު އިތުރުވެފައިވާކަމަށާއި އެ ޤައުމުގައި ދެމުންދިޔަ ޙަމަލާތައް މި އަހަރުގެ ކުރީކޮޅު މަދުވި ނަމަވެސް ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އެފަދަ ޙަމަލާތައް އިތުރުވަމުންދާކަމަށެވެ. އަފްޣާނިސްތާނު ދަތުރުކުރަމުން ދަނީ ކަންބޮޑުވާންޖެހޭ މިސްރާބަކަށްކަމަށް އެ ޖަމާޢަތުން ފާހަގަކުރިއެވެ.

އައިސީއާރުސީން ބުނީ ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިންވެސް އަފްޣާނިސްތާނުގެ ޞިއްޙީ ނިޒާމަށް ވަރަށް ބޮޑަށް ބާރު
ބޮޑުވެފައިވާކަމަށާއި ޙަމަލާ ބަދަލުކުރާ ސަރަޙައްދުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަމަށެވެ. އަދި ބަލިތަކަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތެރިންވެސް ނެތްކަމަށް އެ ޖަމާޢަތުން ފާހަގަކުރިއެވެ. އައިސީއާރުސީގެ ބަޔާނުގައި ބުނީ ޞިއްޙީ ޙިދުމަތްތެރިންނަށާއި ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ދޭ ޙަމަލާތަކުގެ ސަބަބުން އަފްޣާނިސްތާނުގެ ޙާލަތު އިތުރަށް ގޯސްވެފައިވާކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 37 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އަފްޣާނިސްތާނުގައި ހުންނަނީ 172 ހަސްފަތާލާއި ކޮންމެ 10،000 މީހަކަށް ހަތަރު ޑޮކްޓަރުންނެވެ. އެ ޤައުމުގައި 26،000 މީހުންނަށް ކޯވިޑް-19 ޖެހި، 500 މީހުންވަނީ މަރުވެފައެވެ. ވެރިރަށް ކާބުލްގައި ކޯވިޑް-19 ޖެހިފައިވާ 900 މީހުންގެ ތިންބައިކުޅަ އެއްބަޔަކީ ޑޮކްޓަރުންނާއި ޞިއްހީ ޚިދުމަތްތެރިންނެވެ.