ޚަބަރު

3 ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅުއަޅަން ނިންމައިފި


ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅު އެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. އެކޮމިޝަނުން ފިޔަވަޅު އެޅުއްވުމަށް ނިންމަވާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާއި ދާދި ފަހުން އުފެދުނު ސިޔާސީ ޕާޓީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ)އެވެ.


އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ މެދު ފިޔަވަޅު އެޅުމަށް ނިންމެވީ، އެޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޤައުމީ ބައްދަލުވުން ބާއްވާފައިނުވާތީކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އެ ޕާޓީ ފަންސާސް ހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ޖޫރިމަނާ، ސަރުކާރުން އިޢުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށް އެކޮމިޝަނުން ވަނީ އެޕާޓީއަށް އަންގާފައެވެ.

އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް އެކޮމިޝަނުން ވިދާޅުވެއެވެ. އެމްޑީއޭއަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް އިސްވެ އުފައްދަވާފައިވާ ޕާޓީއެކެވެ.


ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އާމެދު ފިޔަވަޅު އަޅާފައިވަނީ، ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން އެފައިސާ އިލެކްޝަންސް ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންގުމުންވެސް މިހާތަނައް އެ ފައިސާ ދައްކާފައި ނުވާތީކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އަދި ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އާއި 2019 ވަނަ އަހަރުގެ އެ ޕާޓީގެ އަހަރީ ރިޕޯޓާއި، އޯޑިޓް ރިޕޯޓްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިނުވާތީއާއި، ޕާޓީގެ އަސާސީ ގަވާއިދު ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިނުވާތީ، އެކަންކަން އިސްލާޙު ކުރުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ޑީއާރުޕީއަށް އަންގާފައެވެ.

ޑީއާރުޕީއަށް އެކިފަހަރުމަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާތީ، އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވާރާކޮށް ބައްދަލުވުމެއް ބޭއްވުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދަޅުވެއެވެ. ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރެވެ.

މީގެ އިތުރުން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ)އާމެދު ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އެ ޕާޓީ ތިރީސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްއީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް އެކޮމިޝަނުން ވަނީ އެޕާޓީއަށް އަންގާފައެވެ.

އެމްޓީޑީއަކީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ނާއިބު ރައީސް އިސްމާޢީލް ޢާސިފްއާއި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އިސްވެ އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ.