ޚަބަރު

ކޯވިޑް-19 : ރިސޯޓު މުވައްޒަފުންގެ ޙާލަތު ދެނެގަތުމަށް ސަރވޭއެއް ކުރިއަށްގެންދަނީ


ކޯވިޑް-19އާ ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ކޮށްފައިވާ އަސަރު ދެނެގަތުމަށް ޚާއްސަ ސަރވޭއެއް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ފަށައިފިއެވެ.

ސްޓެޓިސްޓިކް ބިއުރޯއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސަރވޭ ކުރިއަށްގެންދަނީ އެސްއެމްއެސް މެދުވެރިކޮށްކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މިސަރވޭގައި ބައިވެރިވުމަށް ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން އެދެއެވެ. މިސަރވޭ ކުރިއަށްދަނީ ޔޫއެންޑީޕީއާއި އުރީދޫ މޯލްޑިވްސްއާއި ދިރާގުގެ އެހީތެރިކަމާއެކު ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ފާހަގަކުރައްވައެވެ. ކޯވިޑް-19އާއި ގުޅިގެން ރިޒޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންގެ އެންމެ ސައްޙަ މަޢުލޫމާތު މިސަރވޭއިން ލިބިގެންދާނެ ކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާކަމަށާއި އެތައް ބައެއްގެ މުސާރަތައް ކުޑަކޮށްފައިވާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު ހީނަރުވަމުންދާ މިދަނޑިވަޅުގައި ގިނަ ވިޔަފާރިތަކުން ދަނީ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ޢިނާޔަތްތައް ކަނޑައި ބައެއް މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވަމުންނެވެ. މިފަދަ މައްސަލަތައް އިތުރުވަމުންދާތީ ސަރުކާރުންވަނީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި، ޢިނާޔަތްތައް އުނިކޮށް މުސާރަ ކުޑަކުރާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް ޖޮބް ސެންޓަރެއް ޤާއިމްކޮށްފައެވެ.

ކޯވިޑް-19އާއި ގުޅިގެން އެކި ދާއިރާތަކަށް އަންނަ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް އެދާއިރާތަކާއި ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން އަންނަނީ ކުރައްވަމުންނެވެ. މިދަނޑިވަޅުގައި މުވައްޒަފުންނަށް ލިބޭ ގެއްލުމާއި އަސަރުތައް ދެނެގަތުމަކީ މިހާރު އޮތް ޙާލަތުން އަރައިގަތުމަށް މުހިއްމު ކަމެއްކަމަށް ސްޓެޓިސްޓިކް ބިއުރޯއިން ވިދާޅުވެއެވެ.