ޚަބަރު

މަންދޫބުން ފޮނުވަން ދެކުނު ކޮރެޔާއިން ހުށަހެޅި ހުށައެކުމަށް އުތުރު ކޮރެޔާއިން ދެކޮޅުހަދައިފި


ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ޚާއްޞަ މަންދޫބުން ފޮނުވުމަށް ދެކުނު ކޮރެޔާއިން ހުށަހެޅުމުން އެކަމަށް އުތުރުކޮރެޔާއިން ދެކޮޅުހަދައިފިއެވެ.

ދެކުނު ކޮރެޔާގެ ރައީސް މޫން ޖޭ އިންވަނީ ޚާއްޞަ މަންދޫބުންގެ ގޮތުގައި އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޗަންގް އިޔޮންގާއި ޖާސޫސީ އިދާރާގެ ވެރިޔާ ސޫ ހުން ފޮނުވުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އުތުރު ކޮރެޔާގެ ޒައީމް ކިމް ޖޮން އުންގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތްކުރައްވާ އޭނާގެ ނުފޫޒުގަދަ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގުވަނީ ދެކުނު ކޮރެޔާގެ ހުށަހެޅުމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ހުށަހެޅުމެއްކަމަށް ސިފަކުރައްވާ އެ ހުށަހެޅުން ޤަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކީ ދެކުނު ކޮރެޔާގެ ނުކުޅެދުންތެރިކަމާއި ފަރުވާކުޑަކަމުން ކުރިމަތިވެފައިވާ މައްސަލަތަކެއްކަމަށާއި އެ މައްސަލަތަކަށް ޙައްލެއް ނެތްކަމަށް އުތުރު ކޮރެޔާއިންވަނީ ބުނެފައެވެ. އެ މައްސަލަތައް ނިމުމަކަށް އަންނާނީ ދެކުނު ކޮރެޔާއިން ކޮށްފައިވާ ކަންކަމުގެ ފުރިހަމަ އަގު އެ ޤައުމުން ޢަދާކުރުމުންކަމަށް އުތުރު ކޮރެޔާއިންވަނީ ބުނެފައެވެ.

ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ގޯސްވެ އުތުރު ކޮރެޔާއިންވަނީ ދެކުނު ކޮރެޔާއާ މުވާސަލާތު ކުރުމަށް ބޭނުންކުރާ އިދާރާ ގޮއްވާލާފައެވެ. އެ މައްސަލަ ޙައްލުކުރުމަށް ދެކުނު ކޮރެޔާއިން މަޝްވަރާކުރުމަށް ހުށަހެޅުމުން އުތުރު ކޮރެޔާއިންވަނީ އެ ހުށަހެޅުމަށް ދެކޮޅު ހަދާ، ދެ ޤައުމުން ޙިއްޞާކުރާ ސަރަޙައްދީ ރޮނގު ކައިރިއަށް އިތުރު ސިފައިން ފޮނުވާނެކަމަށް ބުނެފައެވެ.

އުތުރު ކޮރެޔާއިންދަނީ ދެ ކޮރެޔާ ޞުލްޙަވުމަށް ދެކުނު ކޮރެޔާއިން ކުރަމުންދާ މަސައްކަތް ލަސްކުރުމަށް މަސައްކަތްކުރަމުންނެވެ.
ދެކުނު ކޮރެޔާއަށް ބިރުދައްކައިގެން އުތުރު ކޮރެޔާއިން މަޤުސަދުތަކެއް ޙާޞިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ކަމާބެހޭ މާހިރުން ޤަބޫލުކުރެއެވެ.

ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން އުތުރު ކޮރެޔާގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓާލުމަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާނެކަމަށް ބެލެވެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެޔާގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުން އުތުރު ކޮރެޔާވަނީ ގޮތް ހުސްވެފައެވެ.