ޚަބަރު

ޤައިދީން ބަދަލުކުރުމާ ގުޅޭގޮތުން އީރާނާއެކު އިތުރު މަޝްވަރާތަކެއް ކުރަން އެމެރިކާއިން ބޭނުންވޭ


ޤައިދީން ބަދަލުކުރުމާ ގުޅޭގޮތުން އީރާނާއެކު ސީދާ ގޮތެއްގައި މަޝްވަރާކުރަން ބޭނުންވާކަމަށް އެމެރިކާއިން ބުނެފިއެވެ.

2018ވަނަ އަހަރުން ފެށިގެން އީރާނުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ކުރީގެ ކަނޑުގެ ސިފައިންގެ މީހެއްކަމަށްވާ މައިކަލް ވައިޓުވަނީ އީރާނުން މިނިވަންކޮށްފައެވެ. އޭނާ މިނިވަންކޮށްފައިވަނީ އެމެރިކާގައި ހުރި އީރާނާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ޑޮކްޓަރެއްކަމަށްވާ މާޖިދު ތަހޭރީ އީރާނަށް ޒިޔާރަތްކުރުމުގެ ޙުއްދަ ދިނުމަށް ޝަރުތުކޮށްފައެވެ.

އީރާނުގައި ހުންނަ އެމެރިކާގެ ޚާއްޞަ މަންދޫބު ބުރަޔަން ހުކު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު ޤައިދީން އީރާނާއެކު ބަދަލުކުރަން އެމެރިކާއިން އުންމީދުކުރާކަމަށެވެ. އޭނާ ވިދާޅުވީ ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ ވެރިން ބައްދަލުކޮށް މަޝްވަރާކުރުމުން މިހާރަށްވުރެ ބާރުމިނުގައި ކަންކަން ކުރިއަށްގެންދެވޭނެކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއިން އޮތީ ތައްޔާރަށްކަމަށައި ފާއިތުވި 41 އަހަރު އެމެރިކާއާއި އީރާނާ ދެމެދު އޮތް ހުރިހާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރަން އެމެރިކާއިން ތޮތީ ތައްޔާރަށްކަމަށެވެ.

ދުނިޔޭގެ ގަދަ 6 ބާރާއެކު 2015ވަނަ އަހަރު އީރާނުން ސޮއިކުރި ނިއުކްލިއަރ އެއްބަސްވުން މި އަހަރުގެ އޮކްޓޯބަރު މަހު ހަމަވުމުން، އަލުން އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެމެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ. ބުރަޔަން ވިދާޅުވީ ހަތިޔާރުގެ ވިޔަފާރިކުރުން މަނާކުރާ މުއާހަދާގެ މުއްދަތު ހަމަވުމުން މުއްދަތެއް ނެތްގޮތަށް އެ މުއާހަދާ އައުކުރުމަށް އެމެރިކާއިން ތާޢީދުކުރާކަމަށެވެ.