ވިޔަފާރި

ހޯމަ ދުވަހަށް މޯލްޑިވިއަނުން ހިންގާ ހުރިހާ އެއަރޕޯޓެއް ނިއު ނޯމަލްއަށް ތައްޔާރުވާނެ


އަންނަ ހޯމަދުވަހަށް މޯލްޑިވިއަންގެ ދަށުން އޮޕަރޭޓްކުރާ ހުރިހާ އެއަރޕޯޓެއް ނިއު ނޯމަލްއަށް ތައްޔާރުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، މޯލްޑިވިއަންއިން ހިންގަމުން އަންނަ އެއަރޕޯޓްތައް ނިއު ނޯމަލްގައި ޙިދުމަތް ދިނުމަށް ތައްޔާރުކުރަމުން އަންނަކަމަށެވެ. އެގޮތުން އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ 4 އެއަރޕޯޓްވެސް އަންނަ ހޯމަދުވަހަށް ނިއު ނޯމަލްއަށް ޙިދުމަތްދިނުމަށް ތައްޔާރުވާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުރިހައި އެއަރޕޯޓްތަކެއް ޓާގެޓްކޮށްފަ އިނީ އަންނަ ހަފްތާގެ ހޯމަ ދުވަހަށް ނިންމަން. އަޅުގަނޑުމެން ޙިދުމަތް މިދެނީ 4 އެއަރޕޯޓަކަށް، އެއީ އިންޓަނޭޝަނަލް އެއަރޕޯޓަކަށް މާފަރު ދެން ތިމަރަފުށީ، ދަރަވަންދޫ އަދި އިފުރު." ރިޒްވީ ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުން މިހާރު އެންމެ ބާރު ސްޕީޑްގައި ކުރިއަށްދަނީ މާފަރު އެއަރޕޯޓް އިންޓަނޭޝަނަލްކޮށް އޮފަރޭޝަންއަށް ގެނައުމުގެ މަސައްކަތެވެ. އެސްއޯއީ ކޮމެޓީގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރ އޮފް ކުއަލިޓީ އިބްރާހިމް އިޔާސް ވިދާޅުވީ، ހަފްތާއެއްގެ ތެރޭގައި މާފަރު އެއަރޕޯޓްގެ އެތެރޭގެ މަސައްކަތްތައް ނިމި ބައިނަލްއަޤްވާމީ ދަތުރުތަކަށް ތައްޔާރުވާނެކަމަށެވެ. މީގެއިތުރުންވެސް މާފަރު އެއަރޕޯޓްގެ އެހެނިހެން މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އިޔާސް ވިދާޅުވިއެވެ. އޭގެތެރޭގައި އިޖްތިމާއީ ގައިދުކުރަން ފާހަގަކުރާ މާކުޖެހުން ފަދަ ކަންކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި މިއޮތީ ހަފްތާއެއް ތެރޭގައި މާފު އެއަރޕޯޓްގެ އެތެރޭގެ މަސައްކަތްތައް ނިމޭނެކަމަށް. ނިމުނީމައި ބައިނަލްއަޤްވާމީ ދަތުރުތަކަށް އެތެރެ ހުންނަން ޖެހޭގޮތައް ޓަރމިނަލް ހުންނާނީ ތައްޔާރުވެފައި." އިބްރާހިމް އިޔާސް ވިދާޅުވިއެވެ.

އެ ކުންފުނީގެ ޑިރެކްޓަރ އޮފް ގުރައުންޑް އޮޕަރޭޝަން އަޙްމަދު އިބްރާހިމް ވިދާޅުވީ، ނިއު ނޯމަލްއަށް ސީޕްލޭން ޓާމިނަލް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށެވެ. އެގޮތުން ސީޕްލޭން ކައުންޓަރުތައް ސޯސަލް ޑިސްޓެންސިންއާއި އެއްގޮތަށ ބަދަލުކުރުމުގެ މަސައްކަތްވެސް މިހަތްތާ ތެރޭގައި ނިންމާލެވޭނެކަމަށެވެ.

"އަޅުގަނޑުމެންގެ ސީޕްލޭން ކައުންޓަރު ސޯސަލް ޑިސްޓެންސިންއާއި އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އެދަނީ. މި ވީކް ތެރޭގައި އިރާދަކުރެއްވިއްޔާ ނިމޭނެ. ނިމޭއިރު އެތާންގައި ހުންނާނީ ޕްރޮޓެކްސަން ލެވިފައި.ސްޓާފް ޕްރޮޓެކްޝަން ހުންނާނެ. އަނެއްކާ ޕެސެންޖަރ ޕްރޮޓެކްޝަން ހުންނާނެ." އަޙްމަދު އިބްރާހިމް ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް ނިއު ނޯމަލްއަށް ތައްޔާރުވާއިރު އެތަން ހުންނާނީ މުވައްޒަފުންނާއި އަދި ފަސިންޖަރުންނަށްވެސް ރައްކާތެރި ގޮތަށްކަމަށް މޯލްޑިވިއަނުން ބުނެއެވެ. މީގެއިތުރުން މޯލްޑިވިއަންގެ ވެހިކަލްތައްވެސް ޑިޒައިންކޮށްފައި ވަނީ އިޖްތިމާއީ ގައިދުރުކަމާއިއެކު ޙިދުމަތްދެވޭގޮތަށްކަމަށް އެ ކުންފުނިން ބުނެއެވެ.