ވިޔަފާރި

ޖުލައި 1 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ޗެކިންކުރެވޭނެ- މޯލްޑިވިއަން


އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފުލައިޓްތަކަށް އޮންލައިންކޮށް ޗެކިން ކުރެވޭނެކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވަހަކަދައްކަވަމުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، އޮންލައިން ޗެކިންގ ކުރެވޭނެ ނިޒާމް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ޖުލައި 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުންނަށްވެސް އޮންލައިން ޗެކިން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ބޮޑަށް ބާރުއަޅަނީ އޮންލައިންކޮށް ޓިކެޓު ގަތުމާއި މީހުން ނައިސް ޓިކެޓްގެ ކަންކަން ކުރިއަށްގެންދިއުމަށް. 1 ޖުލައިގައި އޮންލައިން ޗެކިންވެސް ފެށްޓޭނެ." ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ މި ދަނޑިވަޅުގައި އެ ކުންފުނިން ބޮޑަށް ބާރުއަޅަނީ ޓިކެޓް އޮފީހަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް ޓިކެޓް ގަތުމަށްކަމަށެވެ. މޯލްޑިވިއަންގެ މެއިލްއަށް އައިޑީކާޑުގެ ކޮޕީއަކާއިއެކު މެއިލްކުރުމުން އޮންލައިންކޮށް ޓިކެޓް ބުކްކުރުމާއި ޓިކެޓް ގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މޯލްޑިވިއަނުން މިހާރުވެސް އަންނަނީ ހަފްތާއަކު 1 ޕްލައިޓް ޑޮމެސްޓިކް އެއަރޕޯޓްތަކަށް ކުރަމުންނެވެ. އަދި އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާފަރު އެއަރޕޯޓް އިންޓަނޭޝަނަލްކޮށް ދަތުރުތައް ފެށުމަށްވެސް މޯލްޑިވިއަނުން އަންނަނީ ތައްޔާރުވަމުންނެވެ. މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރާ އެންމެ ބޮޑު މަތިންދާބޯޓު އެއާބަސް އޭ 321 މާފަރު އެއާޕޯޓަށް އިއްޔެ ޖައްސައި، ބޭރުގެ ދަތުރުތަކަށް އެ އެއާޕޯޓު ބޭނުން ކުރެވޭނެ ކަމުގެ ޔަޤިންކަންވަނީ ދީފައެވެ.