ޚަބަރު

ޖަރުމަނުވިލާތުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު މަދުކުރަނީ


ޖަރުމަނުވިލާތުގައި ތިބި އެމެރިކާ ސިފައިންގެ ޢަދަދު 25،000އަށް މަދުކުރައްވަން އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕް ނިންމަވައިފިއެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެމެރިކާގެ ސަރުކާރުންވަނީ 34،500 ސިފައިން ޖަރުމަންވިލާތުގައި މަރުކަޒުކޮށްފައެވެ. ނަމަވެސް، އެމެރިކާގެ ރައީސްވަނީ އޭގެ ތެރެއިން 9،500 ސިފައިން އަނބުރާ ޤައުމަށް ގެނައުމަށް ނިންމަވައިފައެވެ.

ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިން 2014ވަނަ އަހަރު ނިންމާފައިވަނީ އެ ޖަމާޢަތުގައި ހިމެނޭ 30 ޤައުމުން އެ ޤައުމެއްގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ދެ އިންސައްތަ އަސްކަރިއްޔާއަށް ޚަރަދުކުރުމަށެވެ. ނަމަވެސް، ގިނަ ޤައުމުތަކުން އެއްބަސްވިގޮތަށް ޚަރަދުކުރަމުންނެއް ނުދެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އެންމެ މުއްސަނދި އަދި އެންމެ އާބާދީ ބޮޑު އެއް ޤައުމުކަމަށްވާ ޖަރުމަންވިލާތްވެސް ހިމެނެއެވެ.

ނޭޓޯގެ ޤައުމުތަކުން އަސްކަރިއްޔާއަށް ކުރާ ޚަރަދު އިތުރުކޮށް އެމެރިކާގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕްވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެދެވޭ މިންވަރަކަށް ނޭޓޯއަށް ޖަރުމަނުވިލާތުން ޚަރަދު ނުކުރާކަމަށާއި ވިޔަފާރީގެ ގުޅުންތަކުކައި އެމެރިކާގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ ތުހުމަތުވެސް ޖަރުމަންވިލާތަށް އެމެރިކާގެ ސަރުކާރުން ކުރެއެވެ.

ޖަރުމަންވިލާތުގައި ތިބޭ އެމެރިކާގެ ސިފައިންގެ ޢަދަދު މަދުކުރަން ނިންމުމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުމާއި ރަޝިޔާއާ ދެކޮޅަށް ވިލާތުގެ ޤައުމުތަކަށް އެމެރިކާއިން ފޯރުކޮށްދޭ ރައްކާތެރިކަމާމެދުވަނީ ސުވާލު އުފެދިފައެވެ. އެމެރިކާގެ ނިންމުމުގެ ތަފުޞީލެއް އަދި އެ ނިންމުން ތަންފީޒުކުރާނެގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގު ވިދާޅުވީ މައްސަލަ ޙައްލުކުރުމަށް އެމެރިކާއާއި ޖަރުމަންވިލާތާއެކު މަޝްވަރާކުރައްވަމުންދާކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއާއި ޖަރުމަންވިލާތާ ދެމެދު އޮންނަ ގުޅުމުގެ އަސަރު ނޭޓޯއަށް ކުރާނެކަމަށެވެ.