ފުލުހުންގެ މުއައްސަސާ އިސްލާހުވާ މިންވަރު މާޒީން ވަޒަންކުރުމުގެ ބަދަލުގައި މިއަދު ފުލުހުން އަމަލުކުރާގޮތް ދެނެގަނެފިނަމަ ބަދަލެއް އިހުސާސް ކުރެވޭނެކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ޢަލީ ނަޛީރު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ގާނޫނު އަލުން ހެދުމަށް ސަރުކާރުން ހުށަހެޅި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފައިވާއިރު ސްޓޭޓް މިނިސްޓަރ ޢަލީ ނަޛީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިސްލާޙީ ބަދަލު ގެނައުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި އެކަން ހުއްޓުމެއްނެތި ސަރުކާރުން ކުރައްވަމުންގެންދަވާކަމަށެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އައިސްފައިވާ ހެޔޮބަދަލުތައް ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ ލީޑަރޝިޕްގައި ވޭތުވެދިޔަ ވިއްސަކަށް މަސްދުވަހުގެތެރޭގައި ކުށުގެ ވެއްޓަށް އައިސްފައިވާ ބަދަލުން ފެންނަމުންދާކަމަށެވެ.
"ފުލުހުންގެ މުއައްސަސާ އިސްލާޙުވާ މިންވަރު ވަޒަންކުރާ މިންގަނޑަކީ މާޒީ ކަމުގައި ދުށުމުގެ ބަދަލުގައި މިއަދު މަގުމަތީގައި ހުރި ފުލުސް މީހާ އާންމު މީހާއާ މުޢާމަލާތްކުރާގޮތް ކަމުގައި ދެކޭނަމަ ބަދަލެއް އިހުސާސް ކުރެވޭނެ" ޢަލީ ނަޛީރު ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގައިވެސް އިސްލާހު ކުރަންވީ ގިނަ ކަންކަން އެބަހުރިކަން ފާހަގަކުރައްވާ ނަޛީރު ވިދާޅުވީ ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ރައްޔިތުންގެ މަންދޫބުން ދެކޭގޮތް ހާމަކޮށް ބިނާކުރަނިވި ފާޑުކިއުމަކީ "ޕޮލިސް ރިފޯމް" އަށް ކޮންމެހެން މުހިންމު ކަމެއްކަމަށެވެ.
އަދި އެފަދަ ފަރާތްތަކުގެ މިސްރާބު ހުރީ ގޯސް އަމާޒަކަށްނުންނަމަވެސް އެންމެ މުހިންމު ކަމަކަށް ހަދަންވީ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް އަވަސްކޮށް ގޮންޖެހުންތަކުން އަރައިގަތުންކަމަށާއި، ފުލުހުންނާ ކުރެވޭ މުއާމަލާތްތަކުން އެހެން ހުރިހާ ފަރާތަކަށްވުރެ ބޮޑަށް ފުލުހުންގެ މުއައްސަސާ އިސްލާހުކުރަން ބޭނުންވަނީ ސީދާ ފުލުހުންކަން ޔަގީންވާކަމުގައިވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް" މިއަދު ބޭއްބި ޖަލްސާގައި ބަލައިގަނެ 241 ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.