ޚަބަރު

ސްކޫލްތަކުގެ ބެޖް ބޭނުންކުރަންވާނީ މިނިސްޓްރީގެ ހުއްދައާއެކު: އެޑިއުކޭޝަން


އެއްވެސް ސްކޫލެއްގެ ބެޖު ވިޔަފާރިއާއި އެނޫންވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް އިލްތިމާސްކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު، ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫންވެސް ކަންކަމުގައި ބޭނުންކުރަމުންދާތީއެވެ.

މިކަން ކުއްވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ މުދަލެއްކަމަށެވެ. އެހެންކަމުން ސްކޫލު ޔުނިފޯމުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަން ވާނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ނަމަވެސް މިހާރަކަށް އައިސް އެ މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ބައެއް ފަރާތްތަކުން ސްކޫލްތަކުގެ ބެޖު ބޭނުންކުރަމުންދާކަމަށާއި ޚާއްސަކޮށް ކޯވިޑް-19ގެ ޙާލަތުގައި ސްކޫލުތައް އަލުން ހުޅުވައިލުމުން ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުންކުރުމަށް ބައެއް ފަރާތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިއްކަމުން އަންނަކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަ ކުރައްވައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވާލުމަށް ނިންމާފައެވެ. އަދި ރަށްރަށަށް ވަގުތީ ގޮތުން ގޮސްތިބި ދަރިވަރުންނަށްވެސް އެކުދިން ރަޖިސްޓްރީވެފައިވާ ސްކޫލްގެ ޔުނިފޯމްގައި ކިޔެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.