ވިޔަފާރި

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުން ތަމްސީލްކުރައްވާ ފަސް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީޑީސީއިން ބުނީ ކުރިއަށްއޮތް ދައުރަށް އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްސާދާރުން ތަމްސީލްކުރެއްވުމަށްޓަކައި ކަނޑައެޅިފައިވާ ފަސް ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާކަމަށެވެ.

ޑިރެކްޓަރުންގެ މަޤާމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެމްޓީޑީސީގެ ފަންސާސް ޙިއްސާ އޮތް ޙިއްސާދާރެއް ކަމުގައިވުމާއި ތަޢުލީމީ، އަދި ތަޖުރިބާގެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މީގެއިތުރުން ލިސްޓްކުރެވިފައިވާ 2 ބޯޑަށްވުރެ ގިނަ ބޯޑުގައި ނުހިމެނުމާއި 18 އަހަރު ވެފައިވާ ދިވެއްސަކަށްވުން ހިމެނެއެވެ.

ޑިރެކްޓަރުންގެ މަޤާމަށް ހުށައެޅުމުގެ އެންމެ ފަހު ތާރިހަކީ 8 ޖުލައިއެވެ. ފޯމު އީމެއިލް މެދުވެރިކޮށް ނުވަތަ އެމްޓީޑީސީގެ އޮފީހަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 12 އަށް ހުށައެޅޭނެއެވެ.

ޑިރެކްޓަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޑިރެކްޓަރުކަމަށް އެންމެ އެކަށީގެންވާ ފަރާތްތައް ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އެއްގޮތްވާގޮތުގެ މަތީން އެމްޓީޑީސީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީއިން ހޮއްވެވުމަށްފަހު، އެފަރާތްތަކުގެ މަޢުލޫމާތު ކުރިއަށްއޮތް އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މައުލޫމާތަށްޓަކައި ޢާންމުކުރާނެއެވެ. އަދި ޑިރެކްޓަރުން ހޮވުން އޮންނާނީ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ. އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ 9 މެންބަރުންނެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) އަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.