ވިޔަފާރި

ފަތުރުވެރިންނަށް އަލުން މަރުޚަބާ ކިޔަން ތައްޔާރުވަމުންދާ ބައެއް ޤައުމުތައް


މިއަހަރު ފެށުނުއިރު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުން ޤައުމުތައް މަޑުމަޑުން އަރައިގަންނަމުންދާއިރު، އަޅާފައިވާ ހަރުކަށި ފިޔަވަޅުތައްވެސް ދަނީ ލުއިކުރަމުންނެވެ. އެގޮތުން ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އަލުން ފަތުރުވެރިކަން ފެށުމަށްވެސް ގިނަ ޤައުމުތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ.

ޕްލޭންތަކަކާއެކު ހުޅުވާލަމުންދާ ޤައުމުތަކާއި ހުޅުވާލުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. މީގެއިތުރުން ޔޫރަޕާއި މެދުއިރުމައްޗާއި ދެކުނު އެމެރިކާ އަދި އިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކުން ދަނީ ފަތުރުވެރިންނަށް އަލުން މަރުޚަބާ ކިޔުމަށް ތައްޔާރުވަމުންނެވެ. ކެރީބިއަންގެ ބައެއް ޤައުމުތަކަށް ފަތުރުވެރިން ގެންނަން ފަށާފައިވާއިރު މެކްސިކޯއާއި ތައިލެންޑުން ދަނީ ސަރަޙައްދުތައް ވަކިވަކީން ހުޅުވުމަށް ތައްޔާރުވަމުންނެވެ. އެހެންކަމުން ރާއްޖޭގެ އިތުރުން ކޯވިޑްއަށްފަހު ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުންދާ ބައެއް މަޝްހޫރު މަންޒިލްތަކަށް ބަލާލާނަމެވެ.

ބާލީ (އިންޑޮނޭޝިޔާ)

އިންޑޮނޭޝިޔާގެ ބާލީއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޝްހޫރު ޖަޒީރާ މަންޒިލެކެވެ. މިހާތަނަށް ބާލީއިން ފެނުނީ ކޮރޯނާވައިރަސްގެ 350 ކޭސްއެވެ. މަރުވެފައިވަނީ 4 މީހުންނެވެ. ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްކޮށްފައިވާއިރު، ފަތުރުވެރިކަމަށް ބަރޯސާވާ ބާލީން ތައްޔާރުވަމުންދަނީ އޮކްޓޯބަރުމަހު އަލުން ފަތުރުވެރިންނަށް މަރުޚަބާކިޔުމަށެވެ. ބާލީގެ ފަތުރުވެރިކަމާބެހޭ އިސް އޮފިޝަލުން ބުނާގޮތުން ބަލީ ފަތުރުވެރިންނަށް ހުޅުވާލީ މަރުހަލާތަކަކަށް ބަހާލައިގެނެވެ.

ތައިލެންޑް

40 މިލިއަނެއްހާ ފަތުރުވެރިން ކޮންމެ އަހަރަކު ޒިޔާރަތްކުރާ ތައިލެންޑުންވެސް ދަނީ ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވަމުންނެވެ. އެޤައުމުން ފެނުނު ކޯވިޑް ކޭސްތަކުގެ އަދަދު އަވަށްޓެރި އެހެން ޤައުމުތަކާ އަޅާބަލާއިރު މަދުވިނަމަވެސް، އެޤައުމުގެ އޮފިޝަލުން ބޭނުންވަނީ އަދިވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށްދާށެވެ. ބައެއް އޮފިޝަލުން ބުނާގޮތުން މަރުހަލާތަކަކަށް ބަހާލައިގެން މިއަހަރުގެ ފަހުކޮޅު ފަތުރުވެރިންނަށް ތައިލެންޑް ހުޅުވޭވަރުވާނެއެވެ.

ތުރުކީ

ފަތުރުވެރިކަމުން ތުރުކީއަށް މިދިޔަ އަހަރު 34.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، ކޯވިޑްއަށްފަހު އަލުން ފަތުރުވެރިކަން ވީއެންމެ އަވަހަކަށް ފެށުމަށް އެޤައުމުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިމަހު ފަހުކޮޅު ފަތުރުވެރިންނަށް އެޤައުމު ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެމަސައްކަތްތައް ކުރިއަށްދާއިރު ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ބޭޏުންވާ އުސޫލުތައްވެސް ތުރުކީން ވަނީ އެކުލަވާލާއެވެ.

ޔޫއޭއީ

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފަންތީގެ ފަތުރުވެރިން ޒިޔާރަތްކުރާ ދުބާއީއާއި އަބޫދާބީއަކީ ޔޫއޭއީގެ އެންމެ މަޝްހޫރު ސަރަޙައްދުތަކެވެ. ކޯވިޑްއާ ގުޅިގެން މާޗުމަހުން ފެށިގެން ފަތުރުވެރިން ގެނައުން އެޤައުމުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް ކޯވިޑްއާ ގުޅިގެން އެޤައުމުން އެޅި ފިޔަވަޅުތައްވެސް ދަނީ މަޑުމަޑުން ލުއިކުރަމުންނެވެ. އަދި ޖުލައި ނޫނީ ސެޕްޓެމްބަރުމަހު އަލުން ފަތުރުވެރިން ގެންނަން ފަށަން އެޤައުމުން ދަނީ މަސައްކަތްކުރަމުންނެވެ.

މިޤައުމުތަކުގެ އިތުރުންވެސް ފަތުރުވެރިކަން ހުޅުވާލުމަށް މަސައްކަތްކުރާ އެހެން ޤައުމުތަކުގެ ތެރޭގައި، މިމަހު ފަތުރުވެރިކަން ފެށުމަށް ތައްޔާރުވަމުންދާ ސައިޕްރަސް، އަންނަމަހު ފަތުރުވެރިކަން ފަށާ މިސްރާއި ފްރާންސް އަދި ގްރީސް ހިމެނެއެވެ. މީގެއިތުރުން އައިސްލޭންޑް، ޖޯޖިޔާ، އިޓަލީ، މެކްސިކޯ، ޕޯޗުގަލް އަދި ސްޕެއިންއިންވެސް ދަނީ ވަރަށް އަވަހަށް ފަތުރުވެރިކަން ފެށުމަށް ތައްޔާރުވަމުންނެވެ.