ޚަބަރު

ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ އުސޫލު އަންނަ ހަފްތާގައި އާއްމުކުރަނީ


އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސި ތާރީޚުގައި ކައުންސިލް އިންތިޚާބު ބޭއްވިފައިނުވާތީ އެ އިންތިޚާބަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ނިންމާ އެކަމަށް އަމަލުކުރާނެ އުސޫލު އަންނަ ހަފްތާގައި އާއްމުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ މިއަހަރު ބާއްވަން ހަމަޖެއްސި އިންތިޚާބުގައި ވާދަކުރާނެ ކަމަށް ކަނޑައަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް ފުރުސަތު ދިނުމަށް އެކުލަވާލާ އުސޫލު މިހަފްތާތެރޭގައި ނިމޭނެކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން އިއުލާންކުރި ޞިއްޚީ ކުއްލި ނުރައްކަލު ހާލަތާ ގުޅިގެން ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ކައުންސިލް އިންތިޚާބު ނުބޭއްވޭތީ އިންތިޚާބު ފަސްކުރުމަށް ޤާނޫނެއްވަނީ ފާސްކޮށްފައެވެ. އެޤާނޫނުގައިވާ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިއަހަރު ފަސްކުރެވުނު ނަމަވެސް، އެ އިންތިޚާބުގައި ވާދަކުރާނީ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، 6 މާރިޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ޢާންމުކޮށްފައިވާ ކެންޑިޑޭޓުންނެވެ. އެ މާއްދާގައި އެހެން އޮތްނަމަވެސް، ކެންޑިޑޭޓަކު އަނބުރާ ނަން ނަގަން ބޭނުންވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތެއްގެ ތެރޭގައި އަނބުރާ ނަން ނެގުމަކަށް އެ މާއްދާ ހުރަހެއް ނަޅާ ކަމަށް ބުނެފައިވެއެވެ. އަދި އިންތިޚާބުކުރަން ޖެހޭ އަދަދަށް ކުރިމަތިލާފައިވާ ދާއިރާތަކުގައި ހޮވިފައިވާ މެމްބަރުން އެގޮތުގައި ބަލައިގަންނަން ވާނެ ކަމަށްވެސް އެޤާނޫނުގައިވެއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ނިންމި ކައުންސިލް އިންތިޚާބު ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެމަހުގެ 18 ވަނަ ދުވަހަށް ފަސްކުރިއެވެ. އެހެންނަމަވެސް އެތާރީޚްގައިވެސް އިންތިޚާބު ނުބޭއްވި ޤާނޫނުގައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ނުބޭއްވޭނެތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދައްމާލާފައިވަނީ ޤާނޫނު އަސާސީއަށް އިސްލާހް ގެނެސްގެންނެވެ.

މިއިންތިޚާބު ފަސްކުރުމާ ބެހޭ ޤާނޫނުގައިވަނީ އެއިންތިޚާބު ބާއްވަންވާނީ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. ހަމައެހެންމެ ކައުންސިލް އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުން އެންމެ ރަނގަޅު ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން ކަނޑައަޅާތާ 7 ދުވަހުގެ ތެރޭގައި، އިންތިޚާބާގުޅޭ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ތާރީޚަކާއި، އިންތިޚާބު އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.