ޚަބަރު

ދުވާފަރު ޕްރައިމަރީ ސްކޫލްގެ އެޑިއުކޭޝަނަލް ޗެނަލުން، އެހެން ސްކޫލްތަކަށް ފިލާވަޅެއް


ކޯވިޑް-19ގެ ސަބަބުން މަރޗްމަހު ސްކޫލްތައް ބަންދުކުރުމާއި ގުޅިގެން، ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ދަރިވަރުންނަށް ފިލާވަޅުތައް ވީހާވެސް ނުގެއްލޭގޮތަށް ކިޔެވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ މަސައްކަތް ފަށާފައެވެ. އޮންލައިން ކްލާސްތަކުގެ ޒަރިއްޔާއިންނާއި ޓީވީ މެދުވެރިކޮށް ހުރިހާ ގްރޭޑްތަކެއްގެ ކުދިންނަށް، އެކި ގަޑިތަކަށް ބަހާލައިގެންދަނީ ފިލާވަޅު ނަގައިދެމުންނެވެ. އަދި ސްކޫލްތަކާއި ބެލެނިވެރިން ގުޅިގެންވެސް ދަރިވަރުންނަށް ކިޔެވުމަށް ފަހި ގޮތްތަކެއް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެތެރެއިންވެސް ފާހަގަކުރެވޭ އެއް ސްކޫލަކީ ރ.ދުވާފަރު، ދުވާފަރު ޕްރައިމަރީ ސްކޫލެވެ. ދުވާފަރު ސްކޫލްގައި ކުރި މަސައްކަތަކީ ރާއްޖޭގެ ސްކޫލެއްގައި މުޅިން އަލަށް ފެށި މަސައްކަތެކެވެ. ދުވާފަރު ދާއިރާގެ މެންބަރުގެ އެހީތެރިކަމާއެކު ދުވާފަރު ސްކޫލުން އެރަށުގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ނެޓްވަރކް މެދުވެރިކޮށް، ދަރިވަރުންނަށް ކިޔަވައިދިނުމަށް އަމިއްލަ ޗެނަލެއް ތައްޔާރުކޮށް ބޭނުންކުރަންވަނީ ފަށާފައެވެ.

މިފަދަ ޗެނަލެއް އުފެއްދުމުގެ ބޭނުމަކަށްވީ، ޓެބްލެޓާއި އިންޓަނެޓް މެދުވެރިކޮށް ކިޔެވުމުގައި ކުދިންނަށް ދަތިތައް ހުރުމުން، ކިޔެވުމަށް ފަސޭހަ ޝަޢުގުވެރި ގޮތެއް ހޯދުމަށް ކަމަށް އެސްކޫލުން ބުނެފައިވެއެވެ.

މިޗެނަލް މެދުވެރިކޮށް އިއްޔެވަނީ ފުރަތަމަ ފަހަރަށް ކްލާސްތައް ނަގައިދޭން ފަށާފައެވެ. ޓީޗަރުން ފިލާވަޅު ނަގައިދެނީ ސްކޫލްގައި އެކަމަށް ޚާއްސަކޮށްފައިވާ ސެޓަޕެއްގައެވެ. މި ކްލާސްތައް ދައްކަނީ ސްކޫލްގައި ރެކޯޑްކުރުމަށްފަހު ވަކި ތާވަލަކަށް ބަހާލައިގެންނެވެ. އަދި ގޭގެއަށް ކޭބަލް އަޅައި ފަސޭހަކަމާއެކު ދަރިވަރުންނަށް ފިލާވަޅުތައް ބަލާލުމުގެ ފުރުސަތުވަނީ ފަހިވެފައެވެ.

ނެޓްވަރކް އަޅާ މިކްލާސްތައްވަނީ ދުވާފަރު ޕްރައިމަރީ ސްކޫލާއި، ރ.އަތޮޅު މަދަރުސާގައި ކިޔަވާ ދަރިވަރުން ތިބި ގޭގެއަށް ދޫކޮށްފައެވެ. މި ޗެނަލްގެ ޚިދުމަތް ދަރިވަރުން ތިބި ގޭގެއަށް ދެނީ އެއްވެސް ފީއަކާއި ނުލައި، ދާއިރާގެ މެންބަރުގެ އެހީގައެވެ.

"ޑީޕީއެސް ޓެލެކްލާސް" ތައް ހުކުރުދުވަސް ފިޔަވައި ހަފްތާގެ ހުރިހާ ދުވަހަކު ކުރިއަށްގެންދެއެވެ. ޕްރައިމަރީ ސްކޫލަކަށްވުމުން ދުވާފަރު ޕްރީ ސްކޫލްގައި ކިޔަވައިދެނީ ފައުންޑޭޝަން ލެވަލްއިން ފެށިގެން ގްރޭޑް 6 އާއި ހަމައަށެވެ. ޓެލެކިލާސް މެދުވެރިކޮށް ގްރޭޑް 1-6 ގެ ކްލާސްތައް ގެންދަނީ މެންދުރުއެެވެ. ފައުންޑޭޝަން ލެވެލްގެ ކްލާސްތައް ގެންދަނީ ހަވީރުގެ ވަގުތުގައެވެ. އެގޮތުން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މެންދުރު 13:30 އިން 16:25 އަށް ކްލާސް ކުރިއަށްގެންދެއެވެ.
80 މުއައްޒަފުން މަސައްކަތްކުރާ ދުވާފަރު ސްކޫލްގެ ހުރިހާ މުއައްޒަފުންނާއި ޓީޗަރުންވެސް މިވަގުތު ހަރަކާތްތެރިވަނީ މި މަސައްކަތުގައެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޓެލި ކިލާސް

ދުވާފަރު ޕްރައިމަރީ ސްކޫލުން ކިޔަވައިދިނުމަށް އަމިއްލަ ޗެނަލެއް ކުރިށް ގެންދިއުމަށް ނިންމައި އެ މަސައްކަތް ފަށާފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. ސްކޫލްތައް ހުޅުވުނުނަމަވެސް މި ޗެނަލް މެދުވެރިކޮށް ކްލާސްތައް ކުރިއަށްގެންދާނެ ކަމަށް ސްކޫލުން ބުނެއެވެ. އަދި އާއްމު ޙާލަތުގައިވެސް ސްކޫލްގެ އެކިއެކި މުބާރާތްތައް ދެއްކުމާއި، ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް މިޗެނަލް މެދުވެރިކޮށް މަޢުލޫމާތު ގެނައުމަށްވަނީ ހަމަޖެހިފައެވެ.

ދުވާފަރު ޕްރައިމަރީ ސްކޫލަކީ އަތޮޅުތަކުގައި ހުރި މަދު ޕްރައިމަރީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ. މި ސްކޫލް ހުޅުވާފައިވަނީ 2009 ވަނަ އަހަރުއެވެ.

އަރުސަދް

ދުވާފަރު ޕްރައިމަރި ސުކޫލުން ތި ކުރި މަސައްކަތައް އައްސަރިބަހާ ސާބަސް.