ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރެވިފައިވާތީ، އަންނަމަހުގެ 5 ވަނަ ދުވަހުން ފެށިގެން މީރާގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމަށް ހުޅުވާލުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނީ ޖުލައި 5 ވަނަ ދުވަހު މީރާ ހުޅުވިކަމަށް ވިޔަސް، ޓެކްސް ދައްކާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނާއި އިޖުތިމާއީ ގައިދުރުކަމާއެކު ޚިދުމަތް ދިނުމަށް، މި ބަންދުގެ މުއްދަތާ ދިމާވި ސުންގަޑިތަކަށް ގެނެވިފައިވާ ބަދަލުތަކާއި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ވަކި އުސޫލަކުން ކަމަށެވެ.
އެގޮތުން މީރާ ހުޅުވާ ފުރަތަމަ ހަފްތާގައި ކައުންޓަރުތަކުން ހަމައެކަނި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީރާއަށް ބަލައިގަންނަ ޓެކްސް ނޫން ފީއާއި ކުއްޔާއި އެހެނިހެން ފައިސާއެވެ. އަދި، މިފަދަ ފައިސާއެއް ދެއްކުމުގެ ސުންގަޑިއެއް މި ބަންދާ ދިމާވެފައިވާނަމަ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ދެ ހަފުތާއާ ދިމާވާނަމަ، އެ ފައިސާއަކާ ގުޅޭ އިދާރާއަކުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ އައު ސުންގަޑިއަކަށް ވާނީ އަންނަމަހުގެ 16 ވަނަ ދުވަސްކަމަށް މީރާއިން ވިދާޅުވެއެވެ.
މީރާ ހުޅުވާ ދެވަނަ ހަފްތާއިން ފެށިގެން ޓެކުހަށްނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކޮށްފައިނުވާ ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމުކޮށްފައި ނުވާ ޓެކުހުގެ ފައިސާ ބަލައިގަންނާނެއެވެ.
މިދިޔަ އޭޕްރީލްމަހުގެ 15 ވަނަ ދުވަސް ނުވަތަ އެ ތާރީޚުގެ ފަހުން އަންނަ ނުވަތަ އައިސްފައިވާ ޓެކުހުގެ ސުންގަޑިތަކުގެ އައު ސުންގަޑިއަކީ އަންނަމަހުގެ 23 ވަނަ ދުވަހެވެ.
މީރާއިން ވިދާޅުވީ އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ޓެކްސް ބަޔާންތަކާއި އޮންލައިންކޮށް ދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކްސް ފައިސާގެ ސުންގަޑިތަކުގެ ތެރެއިން މި ބަންދާ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ތިން ހަފުތާއާ ދިމާވާ ސުންގަޑިތަކުގެ އައު ސުންގަޑިއަކީ އަންނަމަހުގެ 23 ވަނަ ދުވެސްކަމަށެވެ.
2019 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އައު ސުންގަޑިއަކީ މިއަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަހެވެ.
މިއަހަރަށް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމަންޓް ދެއްކުމުގެ އައު ސުންގަޑިއަކީ އަންނަ އޮގަސްޓުމަހުގެ 31 ވަނަ ދުވަހެވެ.
މީރާއިން ބުނީ ހާލަތަށް އަންނަ ބަދަލަކާ ގުޅިގެން އަލަށް ކަނޑައެޅި ސުންގަޑިތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. މީގެ އިތުރުން ޓެކުހަށްނުވާ ފީއެއް ނުވަތަ ކުއްޔެއް ނުވަތަ އެހެންވެސް ފައިސާއެއްގެ ސުންގަޑިއަކާ ގުޅޭގޮތުން އެ ފައިސާއަކާ ގުޅޭ އިދާރާ ނުވަތަ އޮފީހުން ވަކި ގޮތެއް ކަނޑައަޅާފައިވާނަމަ ނުވަތަ ކަނޑައަޅައިފިނަމަ، އެ ގޮތަކަށް އެ ސުންގަޑިއެއް ބަދަލުކުރެވޭނެކަމަށެވެސް މީރާއިން ހާމަކުރެއެވެ.